ކަނބުލޮ ފުޓްސަލް ޗެލެންޖްގައި ރޭ މަންތާއިން ފައިވްގެ މައްޗަށް ހަނިތަފާތަކުން ކުރިހޯދިއިރު ބީއެސްއޭއިން ޓައިޓަންސް ކޮޅަށް 6 ލަނޑު ޖަހައިފި އެވެ.
ރޭ ފޯރިގަދަ މެޗުތަކެއް ކުޅެވުނުއިރު ފުރަތަމަ މެޗުގައި މުބާރާތުގައި އެންމެ ވަރުގަދަ ކުޅުމެއް ދައްކަމުން އަންނަ ދެޓީމު ކަމަށްވާ މަންތާއާއި ފައިވް ބައްދަލުކުރި މެޗު 3 - 2 ން މަންތާއިން ކާމިޔާބުކޮށްފި އެވެ. މިއީ މިފަހަރުގެ ގްރޫޕް ސްޓޭޖުގައި މިދެޓީމު ބައްދަލުކުރި ދެވަނަ މެޗެވެ.
ފުރަތަމަ މެޗުން 2 - 1 ން ފައިވް ކުރިހޯދި ނަމަވެސް އޭގެ ބަދަލު ހިފާ ރޭ މަންތާއިން ވަނީ ފައިވް ބަލިކޮށްފަ އެވެ. ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މަންތާއިންނެވެ. ފާތިމަތު މިއުސާ (މެސީ) 10 ވަނަ މިނެޓުގައި މަންތާއަށް ލީޑު ނަގައިދިންއިރު އޭގެ ދެމިނެޓުފަހުން އޭނާ އެޓީމަށް ލީޑު ފުޅާކޮށްދިނެވެ.
އަދި 22 ވަނަ މިނެޓުގައި މެސީ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އަދި މިމެޗުގެ ދެވަނަ ހާފު ފައިވްއިން ވަނީ ކުޅުން ރަނގަޅު ކޮށްފަ އެވެ. 33 ވަނަ މިނެޓުގައި އަމިން ފައިވްއަށް ފަރަގު ކުޑަކޮށްދިންއިރު 38 ވަނަ މިނެޓުގައި ޝަހުލާ ތައުފީގު ވަނީ ފައިވްއަށް ލަނޑެއް ޖަހައިދީ 1 ގޯލަށް ފަރަގު ކުޑަކޮށްފަ އެވެ.
މެޗުގެ ފަހުވަގުތު ކޮޅު ފައިވްއިން ލަނޑެއް ޖެހުމަށް މަސައްކަތްކުރި ނަމަވެސް ކާމިޔާބުވާ ގޮތެއް ނުވި އެވެ. ވަރުގަދަ ޑިފެންސް ލައިނެއް އޮތް މަންތާއިން ވަނީ މެޗުގެ ކޮންޓްރޯލް ހިފަހައްޓައިގެން ކުޅެ 3 ޕޮއިންޓް ހޯދާފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މަންތާގެ ޖޯޒީ ނަމްބަރު 30 ފާތިމަތު މިއުސާ (މެސީ) އެވެ.
ރޭގެ ދެވަނަ މެޗުގައި ބީއެސްއޭއާއި ޓައިޓަންސް ބައްދަލުކުރިއިރު މިމެޗު 6 - 0 ން ކާމިޔާބުކުރީ ބީއެސްއޭއިންނެވެ. މެޗުގެ ވަރަށް ކުރީކޮޅު ބީއެސްއޭއިން ވަނީ ލީޑު ނަގާފަ އެވެ. 5 ވަނަ މިނެޓުގައި ފާތިމަތު ނިހާ (ނިހާ) ބީއެސްއޭއަށް ލީޑު ނަގައިދިންއިރު އޭގެ މިނެޓެއްފަހުން އަނެއްކާވެސް ނިހާ ވަނީ ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފަ އެވެ. 18 ވަނަ މިނެޓުގައި ނިހާ އޭނާގެ ހެޓްރިކް ފުރިހަމަކުރިއިރު އޭގެ މިނެޓެއް ފަހުން އަމީ ވަނީ ބީއެސްއޭގެ 4 ވަނަ ލަނޑު ޖަހައިދީ މެޗުގެ ކޮންޓްރޯލް ފުރިހަމައަށް ނަގާފަ އެވެ.
މުޅި މެޗު ޑޮމިނޭޓްކޮށްގެން ބީއެސްއޭއިން ކުޅުނުއިރު މެޗުގައި ޓައިޓަންސްއަށް އެޓީމުގެ ގޯލު ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ. ޓައިޓަންސްއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނުއިރު އޭގެ ފައިދާ ނަގާ 30 ވަނަ މިނެޓުގައި ނިހާ ބީއެސްއޭގެ 5 ވަނަ ލަނޑު ޖަހައިދިންއިރު މެޗުގެ އެންމެ ފަހު މިނެޓުގައި ޝަމްރާ ވަނީ އެޓީމަށް 6 ވަނަ ލަނޑު ޖަހައިދީ ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބީއެސްއޭގެ ޖޯޒީ ނަމްބަރު 11 ފާތިމަތު ނިހާ އެވެ. ނިހާގެ ފަރާތުން މެޗުގައި ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެ އެވެ.
މިރޭ ވެސް ކަނބުލޮ ފުޓްސަލް ޗެލެންޖުގެ ދެމެޗެއް ކުޅެވޭނެ އެވެ. ފުރަތަމަ މެޗުގައި 08:30 ގައި ޔުނީކް ފްރެންޑްސްއާއި ފްލެމިންގޯ އެވެ. އަދި ދެވަނަ މެޗުގައި 09:30 ގައި މަންތާއިން ނުކުންނާނީ ކެޑާ ދެކޮޅަށެވެ. މެޗުތައް ހިރަފުސްގެ ފޭސްބުކް ޕޭޖުން ލައިވްކުރާނެ އެވެ.