twitterviber whatsapp telegramfacebookyoutube instagram
24th April 2024

ރަސްގެފާނާއި ޝުކުރު

ހ.މ
May 28, 2023

އެއްދުވަސްވަރެއްގައި އުޅުނު ރަސްގެފާނެއްގެ ޚިދުމަތް ކުރަން އަޅު މީހަކު އުޅުނެވެ. އޭނާގެ ނަމަކަށް އެންމެންވެސް ކިޔަނީ "ޝުކުރު" އެވެ. އެއީ އޭނާ ކޮންމެ ކަމެއް ދިމާވުމުންވެސް މާތް ﷲ އަށް ޙަމްދުކޮށް ޝުކުރު ކިޔާލެއް ގިނަކަމުން ކަމުގައިވެއެވެ. ކަމެއް ދިމާވާއިރަށް ٱلْحَمْدُ لِلَّٰهِ ކިޔައެވެ. މިކަމަކީ އޭނާދެކެ ރަސްގެފާނު ވަރަށް ގަޔާވާ ސަބަބެކެވެ. އެއާއެކު ރަސްގެފާނާ ޝުކުރު އާ ދެމެދު ގާތް ގުޅުމެއް އޮވެއެވެ.

ރަސްގެފާނު ތަނަކަށް ދަންޏާ އަބަދުވެސް ޝުކުރު ގެންދިޔުމަށް ބޭނުންވެއެވެ. އެއްދުވަހަކު ރަސްގެފާނު ޖަންގަލީގައި ޖަނަވާރުން ޝިކާރަކުރަން ދިޔަ ދުވަހަކު ޝުކުރުވެސް ދިޔައެވެ. ރަސްގެފާނަށް ފުއްލާއެއް ފެނި އެއަށް ތީރު ޖަހައި މަރާލިއެވެ. އެއާއެކު ޝުކުރު ٱلْحَمْدُ لِلَّٰهِ އޭ ބުންޏެވެ.

ރަސްގެފާނާއި ޝުކުރު ފުއްލާގެ ކައިރިޔަށް ތީރު ނައްޓާލުމަށް ދިޔައެވެ. ތީރު ނައްޓާލުމަށް އުޅުމުގެ ތެރޭގައި ރަސްގެފާނުގެ އަތުގެ ކުޑަވައި އިނގިލި ވަރަށް ބޮޑަށް ޒަޚަމުވެ އެ އިނގިލި ބުރިވިއެވެ. ޝުކުރުއަކަށް ނުހުރެވުނެވެ. ٱلْحَمْدُ لِلَّٰهِ އަނެއްކާވެސް ބުންޏެވެ. އެއާއެކު ރަސްގެފާނު ޝުކުރުދެކެ ވަރަށް ހިތްހަމަ ނުޖެހުނެވެ. އަދި ރަސްގެފާނަށް ގެއްލުމެއް ލިބުނު ވަގުތެއްގައިވެސް އެހެން ކިޔުމުން އެކަމާ ނުރުހުންވެ ޝުކުރު ޖަލަށްލުމަށްވެސް ރަސްގެފާނު އެންގެވިއެވެ.

ޝުކުރު ޖަލަށްލުމުންވެސް ޖަލުގައިހުރެ ޝުކުރަށް ބުނެވުނީ ٱلْحَمْدُ لِلَّٰهِ އެވެ.

އޭގެ ދުވަސްތަކެއް ފަހެވެ. ޝިކާރަކުރުމަށް ހިތްޖެހިފައިވާ ރަސްގެފާނު ޝިކާރައަށް ދާން ނުކުތެވެ. މިފަހަރު ޖަންގައްޔަށް ދިޔައީ އެކަންޏެވެ. ޖަންގަލީގައި ޝިކާރަކުރުމަށް ޖަނަވާރެއް ހޯދަމުން ދަނިކޮށް ޖަންގަލީ ތެރެއިން އެއްގޮތަކަށް ތިބި ބައެއް ފެނުނެވެ. ރަސްގެފާނަށް އެމީހުން ފެނުނީ ވަރަށް ހިތްހެޔޮ ރަނގަޅު ބައެއްގެ ގޮތުގައެވެ. އެމީހުން ރަސްގެފާނަށް ރޭގަނޑުގެ ކެއުމަކަށް ދަޢުވަތު ދިނެވެ. ރަސްގެފާނު އެ ދަޢުވަތު ވަރަށް އުފަލާއެކު ގަބޫލްކުރިއެވެ.

އެއީ އެމީހުން ގަބޫލްކުރާ ދީނީ އަޅުކަމަކަށް ކަމެއް ރަސްގެފާނަކަށް ނޭނގެއެވެ. ރަސްގެފާނު އައުމުން ހިފަހައްޓާ އެމީހުންގެ ކަލާނގެއަށް ޤުރުބާން ކުރާނޭ މީހެއްގެ ގޮތުގައި ގަހެއްގައި އެއްސިއެވެ. އަދި ޤުރުބާން ކުރުމަށް ހުރިހާކަމެއް ތައްޔާރުކޮށް ރަސްގެފާނު މޮހާލައިގެން ގެންނަނިކޮށް، ރަސްގެފާނުގެ އެއް އިނގިލި ނެތްކަން އެމީހުންނަށް ފާހަގަވިއެވެ. އަދި އެތަނުން އެންމެ ބޮޑުމީހާ ބުންޏެވެ. އަހަރެމެންގެ ކަލާނގެއަށް ޤުރުބާން ކުރަންވާނީ ހުރިހާ ގުނަވަނެއް ހަމަޔަށް ހުރި މީހެކެވެ. މީނާއަކީ އައިބު މީހެކެވެ. މީނާ ދޫކޮށްލާށޭ ކިޔައި ރަސްގެފާނު ދޫކޮށްލައިފިއެވެ.

ރަސްގެފާނުވީ އުފަލުން ރަށަށް އަވަހަށް ދިޔައެވެ. އަދި ޖަލުގައި ހުރި ޝުކުރު މިނިވަންކޮށް ޝުކުރު ކައިރިން މާފަށް އެދުނެވެ. ޝުކުރު އޭނާގެ އާދައިގެ މަތިން ٱلْحَمْدُ لِلَّٰهِ އޭ ކިޔައި މާތް އަށް ޙަމްދު ކުރިއެވެ. ރަސްގެފާނު ޝުކުރުއަށް ކަންތައްވީގޮތް ކިޔައިދިނެވެ. އެއާއެކު، ޝުކުރު ٱلْحَمْدُ لِلَّٰهِ ކިޔަން ފަށައިފިއެވެ. އަދި އެގޮތަށް ހުއްޓުމެއް ނެތި އެތައް ފަހަރަކު ކީފަހުން، ރަސްގެފާނު ޝުކުރު ކުރެން އެހިއެވެ. މިއަދު މާގިނައިން ٱلْحَمْدُ لِلَّٰهِ ތި ކިޔަނީ ކީއްވެތޯއެވެ؟

ޝުކުރު ބުންޏެވެ. ރަސްގެފާނު ޤުރުބާން ކުރަންވެގެން އުޅުނު ދުވަހު އަހަރެން ރަސްގެފާނާއެކު އެތާގައި ނެތީމައެވެ. އެހެން ނޫންނަމަ ރަސްގެފާނުގެ ބަދަލުގައި އެމީހުންގެ ކަލާނގެއަށް އަހަރެން ޤުރުބާންކޮށް މަރާލީހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355