ކަނބުލޮ ފުޓްސަލް ޗެލެންޖުގައި އެންމެ ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިޔަކީ މަންތާގެ ޖޯޒީ ނަމްބަރު 30 ފާތިމަތު މިއުޝާ (މެސީ) އެވެ. މެސީގެ ލަނޑުޖެހުމުގެ ސިލްސިލާ ރޭ އިތުރަށް ފުރިހަމަކޮށްލިއިރު ރޭ މެސީ ވަނީ ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) ކޮޅަށް 9 ގޯލު ޖަހާފަ އެވެ.
ރޭ މަންތާއާއި ކެޑް ބައްދަލުކުރި މެޗު ނިމުނީ 9 - 1 ން މަންތާ މޮޅުވެގެންނެވެ. މުޅި މެޗު އެއްކޮށް ޑޮމިނޭޓްކޮށްގެން އިދިކޮޅު ޓީމަށް ލަނޑު ޖަހާނެ އެއްވެސް ފުރުސަތެއް ނުދީ މަންތާއިން މޮޅު ކުޅުމެއް ދެއްކި އެވެ. ހާއްސަކޮށް މަންތާގެ މެސީ މިމުބާރާތުގައި ދައްކަމުން އަންނަ މޮޅު ކުޅުން ފާހަގަކޮށްލެވެ އެވެ.
ރޭ މަންތާގެ ހުރިހާ ގޯލެއް ވެސް މެސީ ޖެހިއިރު މިވަގުތު މުބާރާތުގެ ޓޮޕް ސްކޯރާ އަކީ ވެސް މެސީ އެވެ. އޭނާ ވަނީ މިހާތަނަށް މުބާރާތުގައި 19 ލަނޑު ކާމިޔާބުކޮށްފަ އެވެ. އަދި މިހާތަނަށް މިމުބާރާތުގައި މަންތާގެ ހުރިހާ ލަނޑެއް ވެސް ކާމިޔާބުކޮށްފައިވަނީ މެސީ އެވެ.
އެންމެ ފަހުން ބޭއްވި ކަނބުލޮ ފުޓްސަލް ޗެލެންޖުގައި ވެސް މެސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އޭނާ ވަނީ މަންތާއަށް ތަށި ހޯދައިދިނުމަށް މިދިޔަ އަހަރު ވެސް އެހީވެދީފަ އެވެ. އެފަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް މެސީ ހޯދިއިރު އޭނާގެ އަމާޒު މިއަހަރު ވެސް ހުރީ އެދިމާލަށެވެ.
4 މެޗުން 19 ގޯލާއެކު މެސީގެ ލަނޑު ޖެހުމުގެ ސިލްސިލާއަށް ނިމުމެއް ނެތެވެ. މަންތާ ގޮވައިގެން މެސީ މިއަހަރުގެ މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައިވާއިރު އެޓީމުން ސެމީގައި ނުކުންނާނެ ޓީމެއް ޔަގީންވާނީ މިރޭ ކުޅެވޭ މެޗުތަކަށްފަހުގަ އެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވިފައިވަނީ ފާތިމަތު މިއުޝާ (މެސީ) އެވެ.