twitterviber whatsapp telegramfacebookyoutube instagram
8th September 2024

ސެމީގައި ފައިވްއިން ފްލެމިންގޯ ދެކޮޅަށް، މަންތާއާއި ބީއެސްއޭ ގަދަހިފުމަކަށް!

މުޙައްމަދު އަހުމަދު
May 29, 2023

ސިބްކޯ ކަނބުލޮ ފުޓްސަލް ޗެލެންޖުގައި ރޭ ކުޅެވުނު މެޗުތަކަށްފަހު ސެމީ ފައިނަލަށް މަންތާއާއި ފައިވް އަދި ބީއެސްއޭއާއި ފްލެމިންގޯ ދަތުރުކޮށްފި އެވެ.

ރޭ 5 - 0 ން ބީއެސްއޭއިން ވަނީ ފްލެމިންގޯ ބަލިކޮށްފަ އެވެ. ރޭގެ މެޗުގައި ބީއެސްއޭގެ ނައުރާ އަދި ޒައީ ވަނީ ކޮންމެ ކުޅުންތެރިޔަކު ދެލަނޑު ޖަހާފަ އެވެ. އަދި އެޓީމުގެ އަނެެއް ލަނޑު ޖަހައިދިނީ ނިހާ އެވެ. މެޗުގެ ކުއީންއަކަށް ހޮވިފައިވަނީ ބީއެސްއޭގެ ހައްވާ ނައުރާ އެވެ.

ރޭގެ އަނެއް މެޗުގައި ފައިވްއިން ކެޑުގެ މައްޗަށް ކުރިހޯދީ 9 - 2 ންނެވެ. މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ކެޑުންނެވެ. މިލަނޑު 5 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 11 ނައިހާ އެވެ. ނަމަވެސް ކެޑަށް ލީޑު ހިފަހައްޓާލެވުނީ ކުޑައިރުކޮޅަކަށެވެ.

11 ވަނަ މިނެޓުގައި ފައިވްގެ ސަލްވަޓޯ މެޗުގެ ނަތީޖާ ހަމަހަމަކޮށްދިންއިރު އޭގެ 5 ވަރަކަށް މިނެޓުފަހުން މުޒްނާގެ ލަނޑުން ފައިވްއިން މެޗުގައި ލީޑު ނެގި އެވެ. މިނެޓެއް ފަހުން އައިމިނަތު އަޒީޒް (އަމިން) ފައިވްގެ ލީޑު އިތުރަށް ފުޅާކޮށްދިނެވެ. މިމެޗުގައި މުޒްނާ (މުޒޫ) އަދި އަމިންގެ ހެޓްރިކެއް ފެނިގެންދިޔައިރު އެޓީމުގެ އަނެއް ދެލަނޑު ޖަހައިދިނީ ޖޫ އެވެ. އަދި ކެޑުގެ ދެވަނަ ލަނޑަކީ ފައިވްގެ ސަލްވަޓޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ސެމީގެ މެޗުތައް މިރޭ ކުޅެވޭއިރު ފުރަތަމަ މެޗުގައި 08:30 މަންތާއިން ނުކުންނާނީ ބީއެސްއޭއާ ދެކޮޅަށެވެ. މަންތާއިން ސެމީއަށް ދަތުރުކޮށްފައިވަނީ ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗު ކާމިޔާބުކޮށް އެއްމެޗުން ބަލިވެ ޖުމްލަ 9 ޕޮއިންޓާއެކު ގްރޫޕް 2 ގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. އަދި ބީއެސްއޭއިން ސެމީއަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ޖުމްލަ 9 ޕޮއިންޓާއެކު ގްރޫޕް 1 ގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.

ސެމީގެ ދެވަނަ މެޗުގައި މިރޭ 09:30 ގައި ފައިވްއިން ނުކުންނާނީ ފްލެމިންގޯއާ ދެކޮޅަށެވެ. ފައިވްއިން މުބާރާތުގެ ސެމީއަށް ދަތުރުކުރީ ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗު ކާމިޔާބުކޮށް އެއްމެޗުން ބަލިވެ ޖުމްލަ 9 ޕޮއިންޓާއެކު ގްރޫޕް 2 ގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. މަންތާއާއި ފައިވް ޕޮއިންޓްގެ ގޮތުން އެއްވަރުވިއިރު ފައިވްއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. އަދި ފްލެމިންގޯ ސެމީއަށް ދަތުރުކުރީ ކުޅުނު 3 މެޗުގެ ތެރެއިން އެއްމެޗުން މޮޅުވެ އެއް މެޗުން ބަލިވެ އެއްމެޗުން އެއްވަރުވެ ޖުމްލަ 4 ޕޮއިންޓާއެކު ގްރޫޕް 1 ގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ.

މިހާތަނަށް މުބާރާތުގެ ޓޮޕް ސްކޯރާއިންނަށް ބަލާލާއިރު މިވަގުތު އެންމެގިނަ ލަނޑާއެކު އެއްވަނައިގައި އޮތީ މަންތާގެ ޖޯޒީ ނަމްބަރު 30 ފާތިމަތު މިއުޝާ (މެސީ) އެވެ. މެސީ ވަނީ ޖުމްލަ 19 ލަނޑު ޖަހާފަ އެވެ. އަދި ދެވަނައިގައި 8 ލަނޑާއެކު ފައިވްގެ ޖޯޒީ ނަމްބަރު 23 މުޒްނާ ހަސަން (މުޒް) އޮތްއިރު ތިންވަނައިގައި އޮތީ ފައިވްގެ އައިމިނަތު އަޒީޒް (އަމިން) އެވެ. އަމިން ވަނީ 6 ގޯލު ކާމިޔާބުކޮށްފަ އެވެ. އަދި ހަތަރުވަނައިގައި 5 ގޯލާއެކު އޮތީ ބީއެސްއޭގެ ޖޯޒީ ނަމްބަރު 11 ނިހާ އެވެ.

ފޯރިގަދަ ސެމީ ފައިނަލުގެ މެޗުތަކެއް ފެނިގެންދާނެ ކަމަށް ބެލެވޭއިރު މިރޭ އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓިގެންދާނެ ތަރިންގެ ގޮތުގައި ފާހަގަކޮށްލެވެނީ މަންތާގެ މެސީއާއި ފައިވްގެ މުޒޫއާއި ތުއްތުގެ އިތުރުން ބީއެސްއޭގެ ނައުރާއާއި ފްލެމިންގޯގެ ރަމްޒިއްޔާ އެވެ. އަދި ވެސް ހުނަރުވެރި އެތައް ކުޅުންތެރިންނެއް ތިބިއިރު މިރޭގެ ސެމީގެ މެޗުތައް ވާދަވެރިވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355