twitterviber whatsapp telegramfacebookyoutube instagram
20th April 2024

ފައިނަލުގައި ބީއެސްއޭއާއި ފައިވްގެ ކުރިމަތިލުމެއް، ދެޓީމުގެ އަމާޒު ތައްޓަށް!

މުޙައްމަދު އަހުމަދު
May 31, 2023

ހިރަފުހުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސިބްކޯ ކަނބުލޮ ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި މިރޭ ބަޝީރު ސްޕޯޓްސް އެކަޑަމީއާއި ފައިވް ބައްދަލުކުރާނެ އެވެ.

ފޯރިގަދަ ސެމީގެ މެޗުތަކަށްފަހު މިރޭ ފައިނަލް ކުޅެވޭއިރު ފައިނަލުގައި ބައްދަލުކުރަން ހަމަޖެހިފައިވާ ދެޓީމަކީ ވެސް ވަރުގަދަ ދެޓީމެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދާނެ ކަމަށް ބެލެވޭ ފައިނަލަށް ދެޓީމު ވެސް ނުކުންނާނީ ތަށީގެ އަމާޒުގަ އެވެ.

ފައިނަލަށް ދެޓީމު ދަތުރުކޮށްފައިވާ ގޮތަށް ބަލާލާއިރު މިދެޓީމު ވެސް ވަނީ ގްރޫޕް ސްޓޭޖުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. ބީއެސްއޭއިން މިހާތަނަށް މެޗަކުން ބަލިވެފައިނުވާއިރު ފައިވް ބަލިވީ އެންމެ މެޗަކުންނެވެ. ގްރޫޕް 1 ގެ އެއްވަނައިގައި ބީއެސްއޭ ސެމީން ޖާގަ ހޯދިއިރު ފައިވްއިން ސެމީއަށް ދަތުރުކުރީ ގްރޫޕް 2 ގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.

ފައިވްއިން ސެމީ ފައިނަލުގައި ހޯމަދުވަހުގެ ރޭ ފަސޭހަކަމާއެކު ފްލެމިންގޯގެ މައްޗަށް ކުރިހޯދި އެވެ. މިމެޗު ފައިވްއިން ކާމިޔާބުކުރީ 6 - 1 ގެ ބޮޑު ތަފާތަކުންނެވެ. މުޅި މެޗު ފައިވްއިން ޑޮމިނޭޓްކޮށްގެން ކުޅުނުއިރު ފައިވްގެ ޝަހުލާ ތައުފީގު (ތުއްތު) ވަނީ މިމެޗުގައި ހެޓްރިކެއް ހަދާފަ އެވެ. އައިމިނަތު އަޒީޒް (އަމިން) ދެލަނޑު ޖެހިއިރު އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުޒޫ އެވެ.

އަދި މެޗުގައި ފްލެމިންގޯއިން ޖެހި ހަމައެކަނި ލަނޑު މެޗު ނިމެން ކުޑައިރުކޮޅަކަށްވެފައިވަނިކޮށް ޖަހައިދިނީ އެޓީމުގެ ކެޕްޓަން ރަމްޒިއްޔާ އުސްމާން (ރަމް) އެވެ.

ބީއެސްއޭ ސެމީއަށް ދަތުރުކުރީ އެންމެފަހުގެ ޗެމްޕިއަން މަންތާ ކަޓުވާލުމަށްފަހުގަ އެވެ. މިހާތަނަށް ފެނިގެންދިޔަ އެންމެ ވާދަވެރި އަދި ފޯރިގަދަ އެއްމެޗަށް މިމެޗު ވެގެންދިޔައިރު މިމެޗު ބީއެސްއޭއިން ކާމިޔާބުކުރީ 4 - 3 ންނެވެ. މަންތާގެ ފަރާތުން މެޗުގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނުއިރު އޭގެ ފައިދާ ބީއެސްއޭއިން ވަރަށް ރަނގަޅަށް ނެގި އެވެ.

މެޗުގެ 4 ވަނަ މިނެޓުގައި ހައްވާ ނައުރާ ވަނީ ބީއެސްއޭއަށް ލީޑު ނަގައިދީފަ އެވެ. އޭގެ ތިން މިނެޓުފަހުން ފާތިމަތު ނިހާގެ ލަނޑާއެކު ބީއެސްއޭއިން ލީޑު ފުޅާކުރުމާއެކު މަންތާ ޕްރެޝަރަށް ވެއްޓުނެވެ. ލަނޑެއް ޖެހުމަށް މަންތާއިން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ މެޗުގެ 10 ވަނަ މިނެޓުގަ އެވެ. މެސީގެ ލަނޑުން އެޓީމުން ލީޑު ކުޑަކުރި ނަމަވެސް އޭގެ ދެމިނެޓުފަހުން ބީއެސްއޭގެ ޒައިނާ ވަނީ އެޓީމުގެ 3 ވަނަ ލަނޑު ޖަހައިދީފަ އެވެ.

19 ވަނަ މިނެޓުގައި ޒައިނާގެ ދެވަނަ ލަނޑާއެކު ބީއެސްއޭއިން މެޗުގައި 3 ގޯލުގެ ލީޑެއް ނެގި އެވެ. މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ބީއެސްއޭއިން ކުޅުނުއިރު އެޓީމުން ވަނީ މަންތާގެ ހުނަރުވެރި ފޯވާޑް މެސީގެ ގިނަ ހަމަލާތަކެއް ހުއްޓުވާފަ އެވެ. 34 ވަނަ މިނެޓުގައި އަނެއްކާވެސް މެސީގެ ލަނޑަކާއެކު މަންތާއިން ފަރަގު ކުޑަކުރި އެވެ. އިރުކޮޅެއްފަހުން މަންތާގެ 3 ވަނަ ލަނޑު ޖަހައިދީ މެސީ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިއީ މުބާރާތުގައި މެސީ ޖެހި 22 ވަނަ ލަނޑެވެ.

މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ފަހުވަގުތު ކޮޅު ވެސް މަންތާއިން މަސައްކަތްކުރަމުން ދިޔަނަމަވެސް ބީއެސްއޭއިން ވަނީ އެޓީމުގެ ހަމަލާތައް ހުއްޓުވާ ފައިނަލުން ޖާގައެއް ހޯދާފަ އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބީއެސްއޭގެ ޖޯޒީ ނަމްބަރު 11 ފާތިމަތު ނިހާ އެވެ.

ފައިނަލު މެޗުގައި މިރޭ ބީއެސްއޭއާއި ފައިވް ބައްދަލުކުރާ މެޗު ފަށާނީ މިރޭ 08:30 ގައި ކުޅުދުއްފުށި ސިޓީ ޓާފް ދަނޑުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355