އިބްރާހިމް ހަމީދު
ޕްލާސްޓިކު ކޮތަޅަށް ނޫނެކޭ ބުނުމުގެ ގޮތުން ކުޅުދުއްފުށީ ޒުވާނުންގެ ޖަމްއިއްޔާއިން ކުޅުދުއްފުށީގެ ގޭގެއަށް ފޮތިކޮތަޅު ބަހަން ފަށައިފިއެވެ.
ޒުވާނުންގެ ޖަމިއްޔާގެ ފައުންޑަރ މެމްބަރ އަދި މިވަގުތު އެޖަމިއްޔާ ހިންގުމާ ހަވާލުވެހުންނެވި އަބޫބަކުރު ހުސެއިން ވިދާޅުވީ މިޕުރޮގްރާމަކީ ޕްލާސްޓިކު ކޮތަޅަށް ނޫނެކޭ ބުނުމުގެ ގޮތުން ކުޅުދުއްފުށީގެ ގޭގެއަށް ފޮތިކޮތަޅު ބެހުމުގެ ގޮތުން ކުރިއަށްގެންދެވޭ ޕުރޮގުރާމެއް ކަމަށެވެ. އެކޮތަޅަކީ ދެވަނަ ފަހަރަށްވެސް ބޭނުން ކުރެވޭނެ ކޮތަޅެއްކަމަށާއި އެއީ ތިމާވެއްޓާއި ރައްޓެހި ކޮތަޅެއް ކަމަށް އަބޫބަކުރު ހުސެއިން ވިދާޅުވިއެވެ.
ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދެމުން އެޖަމިއްޔާގެ ފަރާތުން އަބޫބަކުރު ހުސެއިން ވިދާޅުވީ، ގޭގެ އަށް ތިމާވެއްޓާއި ރައްޓެހި ބާޒާރު ކޮތަޅު ބެހުމުގެ މިޕްރޮގުރާމަކީ 05 އަހަރަށް ޕްލޭން ކުރެވިގެން ކުރިއަށް ގެންދެވޭ ޕްރޮގުރާމެއްކަމަށެވެ. އަދި މިއީ އެޕުރޮގުރާމް ކުރިއަށް ގެންދާ ތިންވަނަ އަހަރު ކަމަށާއި ކޮންމެ އަހަރަކުވެސް ރަށުގެ އެކިއެކި ސަރަހައްދުތަކަށް ބަހާލައިގެން ވަކި އަދަދަކަށް ކޮތަޅު ބަހަމުންދާ ކަމަށެވެ.
” މިވީ 2 އަހަރު ދުވަހުގެ ތެރޭގައި 450 ގެއަށް ކޮންމެ ގެއަކަށް 02 ކޮތަޅު މަގުން ދޫކުރެވިފައިވާނެ. މިއަދު ފެށުނު މިޕްރޮގުރާމުގައި 150 ގެއަށް ފޮތިކޮތަޅު ބަހާނެ. މިތިން އަހަރު ދުވަހުގެ ތެރޭގައި މިރަށުގެ 600 ގެއަށް ފޮތިކޮތަޅު ލިބޭނެ” އެފަރާތުން މަޢުލޫމާތު ދެއެވެ.
މިއަހަރު ކުޅުދުއްފުށީގެ ގޭގެއަށް ދިނުމަށް ހަމަޖެހިފައިވާ ކޮތަޅުތައް ބަހަން ފައްޓަވައި ދެއްވީ ހދ.އަތޮޅު ކައުންސިލްގެ ރައީސް އާދަމް ވަހީދު އާއި އެކައުންސިލް މެމްބަރު އަލީ މުހައްމަދެވެ. މިއަދު މިކޮތަޅު ފުރަތަމަ ހަވާލު ކޮށްފައިވަނީ ކުޅުދުއްފުށީ މޭބިސްކަދުރުގެއަށެވެ.
ތިމާވެއްޓާއި ރަށްޓެހި ކޮތަޅުތަކެއް ކުޅުދުއްފުށީގެ ގޭގެއަށް ބެހުމުގެ މަސައްކަތް ފުރަތަމަ ކުރި އަހަރު ފިޝަރީޒް މިނިސްޓްރީގެ ފަރާތުންނާއި ޑައިވިންގް އެސޯސިއޭޝަންގެ ފަރާތުން އެހީތެރިކަން ލިބިފައިވާކަމަށް އެޖަމިއްޔާއިން މައުލޫމާތު ދެއެވެ.