ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ދައުރު ނިމެން އަހަރަކަށްވުރެ މަދު ދުވަސްކޮޅަކަށްވެފައިވަނިކޮށް، ކުޅުދުއްފުށީ އެއާޕޯޓަށް ރޭގަނޑު ޝެޑިއުލް ދަތުރުތައް ފަށައިފި އެވެ.
ކުޅުދުއްފުށީ އެއާޕޯޓަށް ރޭގަނޑު ފްލައިޓް ދަތުރުތައް ކުރޭނެ ގޮތަށް ރަންވޭގައި ބައްތި ޖަހާ ނިންމާ ޓެސްޓް ފްލައިޓް އެޅީ މިމަހު 13 ވަނަ ދުވަހު އެވެ.
މީގެ ކުރިން ކޭއޯއަށް މައުލޫމާތުދެއްވަމުން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަން އެގްޒެކެޓިވް މުޝިލް ސޮބާހު ވިދާޅުވީ، މިމަހު 30 އިން ފެށިގެން ކުޅުދުއްފުއްޓަށް ރޭގަނޑު ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ދަތުރުތައް ފެށިފައިވަނީ 31 ވަނަ ދުވަހު އެވެ.
ރޭގަނޑު ދަތުރުތައް ފެށުމާއެކު މާލެ އާއި ކުޅުދުއްފުއްޓާ ދެމެދު ދުވާލަކު ތިން ދަތުރު އަޅާނެ ކަމަށާއި އެއީ މިހާރުވެސް ހެނދުނާއި ހަވީރު އަޅާ ދެ ފްލައިޓާއެކު ކަމަވެސް މީގެ ކުރިން ކޭއަށް ވަނީ މައުލޫމާތު ދީފައެވެ.
މިދިޔަ އެޕްރީލްމަހު އެއާޕޯޓްގައި ލައިޓްޖަހައި ޓެސްޓް ފުލައިޓް ޖެއްސިފަހުން ޝެޑިއުލް ދަތުރު ނުފެށިނަމަވެސް މެޑިކަލް ޗާޓަރ ފުލައިޓްގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ދެ ދުވަހަކަށް ރޭގަނޑު ބަލިމީހުން އުފުލާފައިވެ އެވެ. މިއީ ކަނޑު ހުރަސްކޮށް ހަނިމާދޫއަށް ބަލިމީހުން އުފުލަން ނުޖެހުމުން ލިބޭ ތަކުލީފުތަކަށް ލުޔެއް ލިބުމުގެ އުފަލެއްކަމުގައި ވެގެންދާނެ އެވެ.
ކުޅުދުއްފުށީ އެއާޕޯޓްގެ މަޝްރޫއުއަކީ ރައީސް ޔާމީންގެ ވެރިކަމުގައި އަޅަން ފެށި އެއާޕޯޓެކެވެ. ޔާމިންގެ ފުރަތަމަ ދެ އަހަރުތެރޭގައި އަޅައި ނިންމަން ވައުދުވި އެ އެއާޕޯޓްގެ މަސައްކަތް ޔާމީންގެ ވެރިކަން ނިމުނުއިރު އެޅުނީ ހަމައެކަނި ރަންވޭ އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ އެ މަޝްރޫއުގެ ނިންމާލާ، ޝެޑިއުލް ދަތުރުތައް ފެށީ 2019 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 9 ވަނަ ދުވަހު އެވެ.
މިދިޔަ އަހަރު ފެބްރުއަރީ މަހު 8 ވަނަ ދުވަހު 6 މަސް ދުވަސްތެރޭ ނިންމަން އެމްޓީސީސީއާއި ހަވާލުކުރި އެ އެއާޕޯޓްގެ ގޮޑުދޮށްހިމާޔަތް ކުރުމުގެ މަސައްކަތްވެސް ކުޅުދުއްފުށީގައި ގާއިމުވެތިބެ އެމްޓީސީސީއާއި މި މަސައްކަތް ހަވާލުކުރިތާ 6 މަސްވީއިރުވެސް މި ކަމުގެ އަމަލީ މަސައްކަތް ނުފަށައެވެ. އަދި މަސައްކަތް ހަވާލުކުރި ފަހުން އަހަރެއްވީ ފަހުން ނިންމާލީ މިދިޔަ މޭމަހުގެ ތެރޭގަ އެވެ.
ރަންވޭގައި ލައިޓް ނުޖެހި ލަސްވިއެއް ސަބަބަކީ އެއީ ކަމުގައި ސަރުކާރުން ވަނީ ބުނެފަ އެވެ.
ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ކުޅުދުއްފުށިން މާލެއަށް ދަތުރުކުރާއިރު ފްލައިޓްތައް މަދުވެ ޖާގަ ނުލިބުމުގެ ޝަކުވާ ބޮޑެވެ. އެކަމަކު ރޭގަނޑުގެ ދަތުރުތައް ފެށުމާއެކު ޖާގައިގެން މައްސަލަ ބޮޑުތަނުން ލުއިވެގެންދާނެކަމަށް މޯލްޑިވިއަނުން ދެކެ އެވެ.
ރޭގަނޑު ކުޅުދުއްފުއްޓަށް ދަތުރުތައް ފަށާފައިވާއިރު ހަނިމާދޫ އިންޓަނޭޝަން އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.