ހިރަފުހުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ސިބްކޯ ކަނބުލޮ ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ބަޝީރު ސްޕޯޓްސް އެކަޑަމީ (ބީއެސްއޭ)އިން ހޯދައިފި އެވެ. އަދި މުބާރާތުގެ ފުޓްސަލް ކުއީންއަކަށް ހޮވިފައިވަނީ ބީއެސްއޭގެ ފާތިމަތު ނިހާ އެވެ.
ރޭ ކުޅެވުނު ފައިނަލް މެޗުގައި ބީއެސްއޭއިން 2 - 0 ން ފައިވްގެ މައްޗަށް ކުރިހޯދިއިރު މެޗުގައި ދެޓީމުން ވެސް ވަނީ ފޯރިގަދަ ކުޅުމެއް ދައްކާފަ އެވެ. ވާދަވެރިކޮށް ދިޔަ މިމެޗުގައި ފައިވްއަށް ވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރު ވެފަ އެވެ.
މެޗުގައި ބީއެސްއޭގެ ފުރަތަމަ ލަނޑު 22 ވަނަ މިނެޓުގައި ކާމިޔާބުކުރީ އަމީޒާ އެވެ. އަދި 44 ވަނަ މިނެޓުގައި އެޓީމުގެ ދެވަނަ ލަނޑު ވެސް ޖަހައިދިނީ އަމީޒާ އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބީއެސްއޭގެ ފާތިމަތު ނިހާ އެވެ.
މުބާރާތުގެ އެހެން ވަނަތަކަށް ބަލާލާއިރު ފެއާ ޕްލޭ ޓީމުގެ މަގާމު ހާސިލްކުރީ ފްލެމިންގޯއިންނެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ފައިވްގެ ޝަހުލާ ތައުފީގާއި މަންތާގެ ފާތިމަތު މިއުޝާ (މެސީ)ގެ އިތުރުން ފައިވްގެ ކީޕަރު ސަލްމާއާއި ބީއެސްއޭގެ ނައުރާ އަދި ނިހާ އެވެ.
މިމުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ މަންތާގެ ހުނަރުވެރި ކުޅުންތެރިޔާ ފާތިމަތު މިއުޝާ (މެސީ) އެވެ. އޭނާ ވަނީ 5 މެޗުން 22 ލަނޑު ޖަހާފަ އެވެ. އަދި ހިރަފުސް ފުޓްސަލް ކުއީންއަކަށް ހޮވިފައިވަނީ ބީއެސްއޭގެ ޖޯޒީ ނަމްބަރު 11 ފާތިމަތު ނިހާ އެވެ.