twitterviber whatsapp telegramfacebookyoutube instagram
1st May 2024

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ މައްޗަށް ކުރިހޯދާ ޒިގްޒެގުން ފެށުން ރަނގަޅުކޮށްފި

މުޙައްމަދު އަހުމަދު
Jun 3, 2023

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ކުޅުދުއްފުށި ޗެމްޕިއަންޝިޕް 2023 ގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ މައްޗަށް ޒިގްޒެގް ފޯ ޔޫތް ލިންކޭޖުން ކުރިހޯދާ ފެށުން ރަނގަޅުކޮށްފި އެވެ.

މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅެވުނު ފޯރިގަދަ މެޗުގައި ޒިގްޒެގުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ މައްޗަށް ކުރިހޯދީ 2 - 0 ންނެވެ. މެޗުގައި ދެޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. މެޗުގެ ފުރަތަމަ ހާފު ދެޓީމަށް ވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުހިފިފަ އެވެ.

ފުރަތަމަ ހާފު ނިމުނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. ނަމަވެސް ދެވަނަ ހާފު ދެޓީމުން ވެސް އިތުރަށް ކުޅުން ވަރުގަދަކޮށް ލަނޑެއް ޖެހުމަށް މަސައްކަތްކުރި އެވެ. އެގޮތުން މެޗުގެ 63 ވަނަ މިނެޓުގައި ޒިގްޒެގުން ވަނީ އަވަސް ކައުންޓާ އެޓޭކެއްގައި ލީޑު ނަގާފަ އެވެ.

މިލަނޑަކީ ފަހަތުން އެއްލި ބޯޅައެއް ހިފައިގެން ޒިގްޒެގުގެ ޖޯޒީ ނަމްބަރު 29 ޕްރިންސް ލާބީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ ގޯލު ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޒިގްޒެގްގެ އަބޫބަކުރު އާދަމް ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގައި ޒިގްޒެގުގެ ދެވަނަ ލަނޑު 81 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕްރިންސް ލާބީ އެވެ. ލާބީގެ ފަރާތުން މެޗުގައި ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު އޭނާ ވަނީ ހަނިމާދޫގެ ޑިފެންސަށް ވަރަށް ބޮޑަށް ޕްރެޝަރުކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވެސް ޒިގްޒެގުގެ ޕްރިންސް ލާބީ އެވެ.

މުބާރާތުގެ ދެވަނަ މެޗުގައި މާދަމާ ހަވީރު 4 ޖަހާއިރު މާއްޓޭ ސްޕޯޓްސްއިން ނުކުންނާނީ ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. މިމެޗު ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355