twitterviber whatsapp telegramfacebookyoutube instagram
1st May 2024

ފަހަތުން އަރާ ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބުން މާއްޓޭ ސްޕޯޓްސްއާ އެއްވަރުކޮށްފި

މުޙައްމަދު އަހުމަދު
Jun 4, 2023
1

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ކުޅުދުއްފުށި ޗެމްޕިއަންޝިޕް 2023 ގައި މިއަދު ހަވީރު ކުޅެވުނު މެޗުގައި ފަހަތުން އަރާ ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބުން މާއްޓޭ ސްޕޯޓްސްއާ އެއްވަރުކޮށްފި އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗު ނިމުނީ 3 - 3 ން ދެޓީމު އެއްވަރުވެގެންނެވެ. ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބުން ވަނީ މާއްޓޭ ސްޕޯޓްސްއިން ތިން ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރާ އެއްވަރުކޮށްފަ އެވެ.

މެޗުގެ ކުރީކޮޅު މާއްޓޭއިން ލީޑު ނެގި އެވެ. 18 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ޖަހައިދިނީ އެޓީމުގެ ކެޕްޓަން ހުސެއިން އަބްދުއްރަޝީދު (ބިގޭ) އެވެ. ފުރަތަމަ ހާފު 1 ލަނޑުގެ ލީޑެއްގައި އޮވެ ނިންމާލިއިރު ދެވަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ މާއްޓޭ ސްޕޯޓްސްއިންނެވެ. ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި މާއްޓޭ ސްޕޯޓްސްއަށް ލީޑު ފުޅާކޮށްދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 6 ރަޔާން އަލީ ވަހީދު އެވެ.

އޭގެ 10 ވަރަކަށް މިނެޓުފަހުން މާއްޓޭ ސްޕޯޓްސްއިން އުފެއްދި އެޓޭކެއް ސާފުކޮށްލަން އުޅުމުގެ ތެރޭގައި ނޮޅިވަރަންފަރުގެ ޑިފެންޑަރު އަބްދުލް މަތީން އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފަ އެވެ. މުޅި މެޗު އެއްކޮށްހެން މާއްޓޭއިން ޑޮމިނޭޓްކޮށްގެން ކުޅެމުން އައިސް ބޮޑު ލީޑެއް ނެގި ނަމަވެސް މެޗުގެ ފަހު 10 މިނެޓުގައި ނޮޅިވަރަންފަރު މެޗުގެ ނަތީޖާ އަނބުރާލި އެވެ.

80 ވަނަ މިނެޓުގައި އެޓީމުގެ މުހައްމަދު އަޝްރަފް އެޓީމަށް ލީޑު ނަގައިދިންއިރު އޭގެ ތިން މިނެޓުފަހުން ހުސެއިން ރައިއާން ވަނީ އެޓީމަށް ފަރަގު ކުޑަކޮށްދީ މެޗުން ޕޮއިންޓެއް ހޯދުމަށް ކުރަމުން އައި އުއްމީދު އާކޮށްދީފަ އެވެ. އަދި މެޗުގެ ފަހު މިނެޓުގައި މުހައްމަދު އަޝްރަފް ވަނީ އަނެއްކާވެސް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށް ނޮޅިވަރަންފަރަށް ޕޮއިންޓެއް ކަށަވަރުކޮށްދީފަ އެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބުގެ ޖޯޒީ ނަމްބަރު 21 މުހައްމަދު އަޝްރަފް އެވެ. މުބާރާތުގެ ތިންވަނަ މެޗުގައި މާދަމާ ހަވީރު 4 ޖަހާއިރު ކުލަބް ހުވާސްއިން ނުކުންނާނީ ކުލަބް ކޮރަލްސްއާ ދެކޮޅަށެވެ. މިމެޗު ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355