twitterviber whatsapp telegramfacebookyoutube instagram
1st May 2024

ކުލަބް ހުވާސް ބަލިކޮށް ޗެމްޕިއަން ކޮރަލްސްއަށް ރަނގަޅު ފެށުމެއް

މުޙައްމަދު އަހުމަދު
Jun 5, 2023

ކުޅުދުއްފުށި ސިޓީ ކައުންސިލުން ކުރިއަށްގެންދާ ކުޅުދުއްފުށި ޗެމްޕިއަންޝިޕް 2023 ގައި މިއަދު ކުލަބް ހުވާސް ބަލިކޮށް އެންމެފަހުގެ ޗެމްޕިއަން ކުލަބް ކޮރަލްސްއިން މޮޅަކާއެކު މުބާރާތް ފަށައިފި އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗު ކޮރަލްސްއިން ކާމިޔާބުކުރީ 3 - 2 ންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ވެސް ކޮރަލްސްއިންނެވެ. ހުވާސްގެ ޑިފެންޑަރު މުހައްމަދު ވަސީމް އަތުން 10 ވަނަ މިނެޓުގައި ބައިކޮޅަށް ވަން ލަނޑާއެކު ކޮރަލްސްއިން މެޗުގެ ލީޑު ނެގި އެވެ.

ނަމަވެސް ލީޑުގައި ކޮރަލްސްއަށް ހިފަހައްޓާލެވުނީ ކުޑަ އިރުކޮޅަކަށެވެ. 7 ވަރަކަށް މިނެޓުފަހުން ހުވާސްގެ ޖޯޒީ ނަމްބަރު 2 އަހްމަދު އައިހަމް ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މިލަނޑަށްފަހު ކޮރަލްސްއިން ކުޅުން ރަނގަޅުކުރިއިރު އެޓީމަށް ވަނީ ލަނޑު ޖަހަން ގިނަ ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. ހާއްސަކޮށް އެޓީމުގެ ކުރިއަށް ކުޅޭ ތައުމީންއާއި ޒައިދުއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ.

36 ވަނަ މިނެޓުގައި ހުވާސްއިން ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފަ އެވެ. ލިބުނު ހިލޭޖެހުމަކުން އަހްމަދު އައިހަމް ފޮނުވާލި ބޯޅަ ކޮރަލްސްގެ ކީޕަރު މާހީގެ އަތުގައި ޖެހިފައި ވަނީ ގޯލުގެ ތިރީ ކަނަށެވެ. މިލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 2 - 1 ން ހުވާސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ކޮރަލްސްއިން ފެށީ ވަރުގަދަކޮށްނެވެ. ނަތީޖާ ހަމަހަމަކުރުމަށް ކޮރަލްސްއިން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ މެޗުގެ 60 ވަނަ މިނެޓުގައި އެޓީމުގެ ޖޯޒީ ނަމްބަރު 5 އަހްމަދު ހަސަން ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އަދި 86 ވަނަ މިނެޓުގައި އަހްމަދު ހަސަން ވަނީ އެޓީމަށް މެޗުން މޮޅުވި ލަނޑު ޖަހާދީފަ އެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކޮރަލްސްގެ އަހްމަދު ހަސަން އެވެ. އޭނާގެ ފަރާތުން މުޅިމެޗުގައި ވެސް ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެންގޮސްފަ އެވެ. މިމުބާރާތުގެ މެޗެއް މާދަމާވެސް ކުޅެވޭނެ އެވެ. އެމެޗުގައި ބައްދަލުކުރާނީ ހިރަފުސް ސްޕޯޓްސް ކުލަބާއި ނައިވާދޫ ޓްރެއިނާސް ސްޕޯޓްސް ކުލަބެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355