twitterviber whatsapp telegramfacebookyoutube instagram
5th July 2024

ޗައިނާގެ އެހީއާއެކު ޔޫއެންޑީޕީން ކުއްލި ހާލަތުގައި ފާރުވާދޭނެ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފި

Jun 7, 2023

ކުއްލި ހާލަތްތަކުގައި ފަރުވާދޭނެ ބައެއް އާލާތްތައް ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް، ޔޫއެންޑީޕީން ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ކުއްލި ހާލަތްތަކުގައި ބޭނުންކުރާނެ ސާމާނު ޔޫއެންޑީޕީން ހަދިޔާކޮށްފައި މިވަނީ ޗައިނާ ޔޫއެންޑީޕީ ޓްރޭންގިއުލަ ކޯޕަރޭޝަން ރެސްޕޯންސް ޓު ކޯވިޑް-19 އިން ދަ އޭޝިއާ އެންޑް ޕެސިފިކް ރީޖަން ޕްރޮގްރާމްގެ ދަށުންނެވެ. މިއީ ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ވަރުގަދަކޮށް ކޯވިޑް ޕޭޝަންޓުންނަށްވެސް ސިއްހީ ފަރުވާދިނުމުގެ ކެޕޭސިޓީ އިތުރުކުރެވިގެންދާނެ ކަމެއްކަމަށް ޔޫއެންޑީޕީން ބުނެއެވެ.

މި އެހީ ރާއްޖެއާ ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގްލިޒިންއެވެ.

ޗައިނާއިން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ 16 އޮޓޯމޭޓަޑް ޑެފިބްރިލޭޓަރާއި 10 ވެންޓިލޭޓަރުގެ އިތުރުން 4،000 އަންގިއެވެ. މި ތަކެތި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސިއްހީ މަރުކަޒުތަކަށާއި ހޮސްޕިޓަލުތަކަށް ހެލްތު މިނިސްޓްރީން ދޭނެއެވެ.

އެގޮތުން 10 ވެންޓިލޭޓަރު ދިނުމަށް ހަމަޖެހިފައިވަނީ 10 އަތޮޅެއްގެ ހޮސްޕިޓަލަށެވެ. އެ އަތޮޅު ހޮސްޕިޓަލްތަކަކީ ހއ އަތޮޅާއި، ށ އަތޮޅާއި، ނ އަތޮޅާއި، ބ އަތޮޅާއި، ޅ އަތޮޅާއި، މ އަތޮޅު ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން، ދ އަތޮޅާއި، ތ އަތޮޅާއި، ގއ އަތޮޅުގެ އިތުރުން ފުވައްމުލަކު ހޮސްޕިޓަލެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަހްމަދު ނަސީމްވަނީ ޗައިނާއިން ރާއްޖެއަށް ވެދިން އެހީތެރިކަަމަށް ޝުކުރު އަދައިކުރައްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ބޭހާއި ސިއްހީ އާލާތްތައް އިމްޕޯޓުކުރާ ގައުމަކަށްވާއިރު ލިބޭ އެހީތެރިކަމަކީ މުހިންމު އަގުހުރި އެހީތެރިކަމެއް ކަމަށެވެ.

"ސިއްހީ ބޭހާއި ސިއްހީ ތަފާތު ވަސީލަތްތައް އިމްޕޯޓުކުރަން ޖެހޭ ގައުމެއްގެ ހައިސިއްޔަތުން މި ފަދަ އެހީތެރިކަމަކީ އަބަދުވެސް އަޅުގަނޑުމެން ބަލައިގަންނާނެ އެހީތެރިކަމެއް. މި އެހީއަކީ ޔޫއެންޑީޕީއާއި ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަވުމަށް އެޅޭނެ ބޮޅެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މި ހަފްލާގައި ދެއްކެވި ވާހަކައިގައި ޗައިނާގެ ސަފީރު ވަންގް ލިޒިންވަނީ ޗައިނާއިން ރާއްޖެއާއެކު ސިއްހީ ނިޒާމު ވަރުގަދަކުރުމަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި އެއީ ޗައިނާއިން ބޭނުންވާ ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.

"ޗައިނާއިން ބޭނުންވޭ ދެ ގައުމު ގުޅިގެން ސިއްހީ ދާއިރާ ތަރައްގީކުރުމަށް މަސައްކަތްކޮށް ދިވެހީންނަށް ސިއްހީ ދާއިރާއިން ފައިދާ ލިބޭނެ މަގު ފަހިކުރަން. ހަމައެއާއެކު ޔޫއެންޑީޕީއާ ގުޅިގެން ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް ތަންފީޒުކޮށް އިޖްތިމާއީ އިގްތިސަދީ ގޮތުން ދެމެހެއްޓެނިވި ތަރައްގީއެއް ރާއްޖެއަށް ގެނެސްދިނުމަށް ވެސް ޗައިނާއިން މި ތިބީ ތައްޔާރަށް،" ލިޒިން ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355