twitterviber whatsapp telegramfacebookyoutube instagram
1st May 2024

ލިމޭގެ މޮޅު ކުޅުމާއެކު ހުވާސްއިން ނައިވާދޫ ބަލިކޮށްފި

މުޙައްމަދު އަހުމަދު
Jun 9, 2023

ލިމޭގެ މޮޅު ކުޅުމާއެކު ކުޅުދުއްފުށި ޗެމްޕިއަންޝިޕުގައި މިއަދު ނޮޅިވަރަމުގެ ކުލަބް ހުވާސްއިން ނައިވާދޫ ޓްރެއިނާސް ކުލަބުގެ މައްޗަށް ކުރިހޯދައިފި އެވެ.

މިއަދުގެ މެޗުގައި ހުވާސްއިން ނައިވާދޫގެ މައްޗަށް ކުރިހޯދީ 2 - 1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް ހުވާސްއިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ހުވާސްގެ ޖޯޒީ ނަމްބަރު 7 ސާލިމް މުހައްމަދު (ލިމޭ) އެވެ.

ފުރަތަމަ ހާފު 1 ލަނޑުގެ ލީޑެއްގައި ހުވާސްއިން ނިންމާލިއިރު ދެވަނަ ހާފު ނައިވާދޫއިން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. އެޓީމުން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތް ކާމިޔާބުވީ މެޗުގެ 60 ވަނަ މިނެޓުގައި އެޓީމުގެ ޒުވާން ކުޅުންތެރިޔާ މުހައްމަދު ރިޝާން ޖަހައިދިން ލަނޑުންނެވެ.

އެލަނޑާއެކު ނަތީޖާ އެއްވަރުކޮށް އެޓީމުން މެޗުގައި އުއްމީދު އާކުރި އެވެ. ނަމަވެސް އެލަނޑަށް ފަހު ހުވާސްއިން ވަނީ އިތުރަށް ކުޅުން ރަނގަޅުކޮށް މެޗު ނިމެން 5 މިނެޓަށްވެފައި ވަނިކޮށް އަނެއްކާވެސް މެޗުގެ ލީޑު ނަގާފަ އެވެ. މިލަނޑު 85 ވަނަ މިނެޓުގައި ހުވާސްއަށް ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 10 މާއްދު އަދުނާނެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ކުލަބް ހުވާސްގެ ޒުވާން ތަރި ސާލިމް މުހައްމަދު (ލިމޭ) އެވެ. މާދަމާ ވެސް މުބާރާތުގެ މެޗެއް ކުޅެވޭނެ އެވެ. މާދަމާ ހަވީރު ކުޅެވޭ މެޗުގައި ބައްދަލުކުރާނީ ކުލަބް ކޮރަލްސްއާއި ހިރަފުސް ސްޕޯޓްސް ކުލަބެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355