twitterviber whatsapp telegramfacebookyoutube instagram
1st May 2024

ފޯރިގަދަ ކުޅުމަކާއެކު ކުލަބް ކޮރަލްސްއާ ހިރަފުސް އެއްވަރުވެއްޖެ

މުޙައްމަދު އަހުމަދު
Jun 10, 2023

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ކުޅުދުއްފުށި ޗެމްޕިއަންޝިޕް 2023 ގައި މިއަދު ފޯރިގަދަ ކުޅުމަކަށްފަހު ހިރަފުސް ސްޕޯޓްސް ކުލަބާއި ކުލަބް ކޮރަލްސް އެއްވަރުވެއްޖެ އެވެ.

މިއަދު ހަވީރު ކުޅެވުނު މެޗުގައި ހިރަފުހާއި ކޮރަލްސް ބައްދަލުކުރިއިރު މިމެޗު ނިމުނީ 2 - 2 ން ދެޓީމު އެއްވަރުވެގެންނެވެ. މެޗުގައި ދެޓީމުގެ ފަރާތުން ވެސް ވަނީ ވާދަވެރި މޮޅު ކުޅުމެއް ފެނިގެންގޮސްފަ އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ހިރަފުހުންނެވެ. 26 ވަނަ މިނެޓުގައި ހިރަފުހަށް ލީޑު ނަގައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 10 އަސަދުﷲ އަބްދުﷲ އެވެ. ނަމަވެސް ހިރަފުހަށް ލީޑު ހިފަހައްޓާލެވުނީ ކުޑައިރުކޮޅަކަށެވެ. 32 ވަނަ މިނެޓުގައި ކޮރަލްސްގެ ޒައިދު މުހައްމަދު ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ކޮރަލްސްއިން ނަތީޖާ ހަމަކުރިތާ ގިނައިރުތަކެއްނުވެ އެޓީމުން ވަނީ އަނެއްކާވެސް ލަނޑެއް ޖަހާ ފަހަތުން އަރާ މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފަ އެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 77 ތައުމީމް ނޫހު އެވެ. ފުރަތަމަ ހާފު ނިމުނީ ކޮރަލްސްއިން 2 - 1 ން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ހިރަފުހުން ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ފުރުސަތުތަކެއް އުފައްދާފަ އެވެ. އެގޮތުން މެޗުގެ 57 ވަނަ މިނެޓުގައި ހިރަފުހުގެ ޖޯޒީ ނަމްބަރު 08 ޒަޔާން ނަސީރު ވަނީ އެޓީމަށް މެޗުގެ ނަތީޖާ ހަމަކޮށްދީ ޕޮއިންޓެއް ހޯދަދީފަ އެވެ. މެޗުގެ 62 ވަނަ މިނެޓުގައި ކޮރަލްސްގެ ޖޯޒީ ނަމްބަރު 17 ޖިނާން ހަސަން (ޖިނާ) އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.

މެޗުގައި ދެޓީމަށް ވެސް އިތުރަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެފުރުސަތުތަކުގެ ބޭނުން ހިފޭ ގޮތެއް ނުވި އެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކާ ކޮރަލްސްގެ ގިނަ ހަމަލާތަކެއް ހުއްޓުވި ހިރަފުސް ސްޕޯޓްސް ކުލަބުގެ ޖޯޒީ ނަމްބަރު 6 މުހައްމަދު އާލިމް (ސޭކޭ) އެވެ.

މިމުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅެވޭނެ އެވެ. މާދަމާ ހަވީރު ކުޅެވޭ މެޗުގައި ބައްދަލުކުރާނީ ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބާއި ޒިގްޒެގް ފޯ ޔޫތް ލިންކޭޖެވެ. މިމެޗު ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355