އަންނަ ސެޕްޓެމްބަރ މަހު އޮންނަ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ނުވަތަ ތަނެއްގައި ތިބޭ މީހުން ވޯޓު ލުމަށް ޓަކައި އޮންލަައިންކޮށް ވެސް ރަޖިސްޓްރީ ވެވޭ ގޮތައް އިލެކްޝަންސް ކޮމިޝަނުން ގަވައިދެއް އެކުލަވާލައި އާންމުކޮށްފިއެވެ.
ކުރިން ރީރަޖިސްޓަރީ ކުރަން ޖެހެނީ ކަރުދާސް ފޯމު ހުށަހަޅައިގެންނެވެ. މިއީ ރާއްޖޭގެ ރިޔާސީ އިންތިހާބެއްގެ ރީ-ރަޖިސްޓްރޭޝަން އޮންލައިންކޮށް ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ. ނަމަވެސް މިހާރު ބާއްވަމުންދާ ބައި އިލެކްޝަންތަކުގައި ވެސް އޮންލައިންކޮށް ރީ-ރަޖިސްޓްރޭޝަނަށް ހުށަހެޅެއެވެ.
ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލާނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީ އާންމުކޮށް, އެ ލިސްޓަށް ހުށަހަޅާ ޝަކުވާތައް ބެލުމަށްފަހެވެ.
ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީ މިއަދު އާންމު ކުރާނެ އެވެ. އަދި މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ. އެ ރަޖިސްޓްރީ ސައްހަ ކުރުމަށްފަހު ރީ-ރަޖިސްޓްރީއަށް ހުޅުވާލާނީ އަންނަ ޖުލައި 16، ގަ އެވެ.
ރިޔާސީ އިންތިހާބު ބާއްވާނީ އަންނަ ސެމްޓެމްބަރު 9، ގަ އެވެ.
އެ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ. އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމިނެވެ.