twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ސާދަވިލޭރޭގެ ހަނދު ފެންނަ ފަދައިން، ތިޔަބައިމީހުންގެ ވެރި އިލާހު ދުށުމަށް އެދޭނަމަ...

ހ.މ
Jun 12, 2023

ނަމާދަކީ، އިސްލާމް ކަމުގެ ރުކުންތަކުގެ ތެރެއިން އެއްވެސް މެދުވެރިޔަކާ ނުލައި އަޅަމެންގެ މައްޗަށް ފަރުޟު ކުރެއްވުނު މާތް އަޅުކަމެވެ. ފަރުޟު 5 ނަމާދު މިއުންމަތަށް ފަރުޟުކޮށްފައިވަނީ، މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ މިޢުރާޖުގެ ދަތުރުފުޅުގައެވެ. ނަމާދަކީ، ތިމާމެންގެ ވެރި ރައްބާއި ގުޅުވައިދޭ މަތިވެރި އަޅުކަމެކެވެ. ސަވާބާއި ދަރުމައިން ފުރިވެގެންވާ އަޅުކަމެކެވެ. ފާފަތަކާއި ދުރުހެލިވެ، ފާފަތައް ފުއްސެވޭނޭ މަގެކެވެ. އާޚިރަތް ދުވަހު އެންމެ ފުރަތަމަ ސުވާލު ކުރެވޭނޭ އަޅުކަމެވެ.

ކޮންމެ ނަމާދަކީވެސް މޮޅު އިތުރު ނަމާދެކެވެ. އެގޮތުން މިތާގައި ފާހަގަކޮށްލާފައި މިވަނީ، އޭގެ ތެރެއިން ފަތިސް ނަމާދާއި ޢަޞްރު ނަމާދުގެ މާތްކަން ބަޔާންކުރައްވައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރައްވާފައިވާ ބައެއް ޙަދީސްތަކެވެ.

- މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާވެފައި ވެއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރައްވާފައި ވެއެވެ. ކިރާމަން ކާތިބީނައޭ ކިޔުނު ރޭގަނޑުގެ މަލާއިކަތުންނާއި، ދުވާލުގެ މަލާއިކަތުން އެންމެން، ތިޔަބައިމީހުން ގާތަށް ވަޑައިގެން، ބެލެހެއްޓެވުމުގައި އުޅުއްވާނެތެވެ. އަދި ފަތިސް ނަމާދާއި ޢަޞްރު ނަމާދުގައި އެންމެހައި ބޭކަލުން އެއްތަންވެ ވަޑައިގަންނަވާނެ އެވެ.

ދެން ﷲ އެއުރެންނާމެދު މޮޅަށް ދެނެވޮޑިގެންވާ ޙާލު، އައްސަވާނެއެވެ. ތިޔަބައިމީހުން އައިއިރު އަހުރެންގެ އަޅުންތިބީ ކޮންކަމެއްގައި ހެއްޔެވެ؟ އެބޭކަލުން ދަންނަވާނެ އެވެ. އަޅަމެން އެމީހުންނާ ވަކިވެގެން އައިއިރުވެސް ތިބީ ނަމާދު ކުރުމަށެވެ. (އެބަހީ ފަތިސް ނަމާދެވެ) އަދި އަޅަމެން އެމީހުން ގާތަށް ދިޔައިރުވެސް އެމީހުންތިބީ ނަމާދު ކުރުމަށެވެ. (އެބަހީ ޢަޞްރު ނަމާދެވެ) (މުސްލިމް 1001)

- މާތް ﷲ ރުއްސުންލެއްވި ޖަރީރު އިބްނު ޢަބްދުﷲ ގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވި އެވެ. އެއްދުވަހަކު ތިމަންމެން ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ އަރިހުގައި ތިބީމެވެ. އެހިނދު އިތުރު އެކަލޭގެފާނަށް ސާދަވިލޭރޭގެ ހަނދު ފެންނަން ހުއްޓައި އެދިމާލަށް ބައްލަވާލެއްވިއެވެ. އަދި ޙަދީސް ކުރެއްވި އެވެ. ތިޔަބައިމީހުން މިފެންނަ ހަނދު ފެންނަ ފަދައިން، ތިޔަބައިމީހުން ތިމާމެންގެ ވެރި އިލާހު ދެކޭނޫއެވެ. އެއްވެސް ހުރަހެއްނެތި، ޝައްކަކާ ނުލައި ދެކޭނޫއެވެ. އެހެންކަމުން ތިޔަބައިމީހުންނަށް ކުޅަދާނަވީ މިންވަރަކުން އިރު އެރުމުގެ ކުރިންނާއި އިރު އޮއްސުމުގެ ކުރީގެ ނަމާދު ކުރުމުގައި، ތިމާމެން ބަލިކަށިވިޔަ ނުދޭށެވެ. އެބަހީ ޢަޞްރު ނަމާދާއި ފަތިސް ނަމާދުގައެވެ. (މުސްލިމް 1002)

- މާތް ﷲ ރުއްސުންލެއްވި ޢުމާރާ އިބްނު ރުއައިބާ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް މިފަދައިން ޙަދީސް ކުރެއްވި އަޑު ތިމަން އެހީމެވެ. ފަތިސް ނަމާދާއި ޢަޞްރު ނަމާދު (ވަގުތުގައި) ކުރާ މީހެއްގެ ގައިގައި، ހިލާ ނަރަކައިގެ އަލިފާން ނުހިފާނެއެވެ. (މިއަޑު އަހާފައި، އެތާއިން) ބަޞަރާ މީހަކު ދެންނެވިއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ތިޔަވާހަކަފުޅު ކަލޭގެފާނު އެއްސެވީމުތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. އާނއެކެވެ. ދެން މިމީހާ ދެންނެވިއެވެ. ދަންނަވަންތޯއެވެ. ތިޔަ ވާހަކަ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވި އަޑު ތިމަންވެސް، ތިމަންގެ ކަންފަތުން އެހީމެވެ، އަދި އެވާހަކަފުޅު ހިތުގައި ބިންވަޅު ނެގީމެވެ. (މުސްލިމް 1003)

- މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ އިބްނު ޤައިސް (އަބޫ މޫސަލް އަޝްޢަރީ) ގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅިވެފައި ވެއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރައްވާފައި ވެއެވެ. ދެ ފިނީގައި ނަމާދު ކުރާ މީހާއީ (އެބަހީ ފަތިސް ނަމާދާއި ޢަޞްރު ނަމާދު ކުރާ މީހާއީ) ސުވަރުގެ ވަދެއްޖެ މީހެކެވެ. (މުސްލިމް 1005)

މާތް ﷲ އަޅަމެންނީ ފަރުޟު 5 ނަމާދު އޭގެ ވަގުތުގައި އަދާކުރާ ބައެއް ކަމުގައި ލައްވާށިއެވެ. އަދި އެ ނަމާދުތަކުން ލިބޭ މަތިވެރި ޢަޖުރު އަޅަމެންނަށް މިންވަރު ކުރައްވާށި. އާމީން.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355