މަސްވެރިކަމުގެ އާއްމު ގަވައިދަށް އިއްޔެ އިން ފެށިގެން ބޮޑެތި ބަދަލު ތަކެއްގެނެސް މިހާރު އަމަލު ކުރަމުންދާ ގަވައިދުގެ ފިޝަރީޒް މިނިސްޓްރީން އާންމުކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން އާންމުކޮށްފައިވާ ގަވައިދުގައި ބުނާގޮތުން ވައިފުޅި އަޅައި ފީނައިގެން ހުއިފިލި ލަނޑާ ނެގުމާއި ފަަޅުތެރެއަށް ވަންނަ މަހުގެ ބާވަތްތައް ރަށު ކައުންސިލުގެ ހުއްދައާއެކު ދާ އަޅައިގެން ނެގުން ހުއްދަކޮށްފައިވެ އެވެ.
ގަވައިދުގައި ބުނެފައިވާ ގޮތުގައި ގަައުމީގޮތުންނާއި ބައިނަލްއަގަވާމީގޮތުން ގަބޫލުކުރާ ފީނުމުގެ ތަމްރީނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިގެން ވައިފުޅި އަޅައިގެން ފީނައިގެން މަސްވެރިކަން ކުރުން ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގޭނެ ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީން ބުނާ ގޮތުގައި ވައިފުޅި އަޅައިގެން ހުއިފިލަނޑާ ނެގުމުގެ ހުއްދަ ދޭން ނިންމީ އެބާވަތުގެ މަސްވެރިކަން ކުރާ މީހުންގެ އެދުމުގެ މަތިންނެވެ.
މީގެ އިތުރުން ރާއްޖޭގެ މަސްވެރިކަމުގެ އާންމު ޤަވާއިދު ގައިވާގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން ހިފުމާއި، ބޭނުމާއި، ނެގުމާއި، މެރުން މަނާ ބާވަތްތަކުގެ ތެރޭގައި މަޑި، ވެލަޔާއި ކަނހަބާއި އޭގެ ބިސް ހިމެނެއެވެ. ނަމަވެސް މަސްވެރިކަމުގެ އާންމު ޤަވާއިދަށް އަލަށް ގެނައި އިސްލާހާއެކު، ވެލާ ކަހަނބު ހިފުމާއި ވެލާ ބިސް ނެގުން މަނާކޮށްފައި އޮންނަ މާއްދާ މިހާރުވަނީ އުނިކޮށްފައެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، އެގޮތަށް ނިންމާފައިވަނީ، މަސްވެރިކަމުގެ އާންމު ޤަވާއިދުގައި ބަޔާންކުރާ އެތަކެއްޗަކީ ރާއްޖޭގެ ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން، ތިމާވެއްޓާ ބެހޭ ވުޒާރާއިން އެކުލަވައިލައިފައިވާ "ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު"ގެ ދަށުން ހިމާޔަތްކޮށްފައިވާ ބާވަތްތަކެއް ކަމަށް ވާތީ، އެއް ވުޒާރާއަކުން އެކަންކަން ތަންފީޒުކުރުމަކީ އެންމެ އެދެވިގެންވާ ގޮތް ކަމުގައި ވާތީ ކަމަށެވެ.
މަސްވެރިކަމާއި ބެހޭ އާންމު ގަވާއިދުގެ ދަށުން ވެލާ ކަހަނބު ހިފުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް އައި ނަމަވެސް، ތިމާވެއްޓާ ބެހޭ ވުޒާރާގެ "ގުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު"ގެ ދަށުން ވެލާ ކަހަނބު ހިފުމާއި އޭގެ ބިސް ނެގުން ކުރިއެކޭ އެއްގޮތަށް އަދިވެސް މަނާވާނެއެވެ.
އެހެންކަމުން ވެލާ ކަހަނބު ހިފުމާއި އޭގެ ބިސް ނަގައިފިނަމަ، އެކަމާއި ގުޅިގެން ދިނުމަށް އޮންނަ އަދަބުތައް މީގެ ފަހުން ދޭނީ ތިމާވެއްޓާބެހޭ ވުޒާރާއިންނެވެ.
މީގެ ތެރޭގައި މުުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަން ކުރުމަށް ޤާއިމްކޮށްފައިވާ އޮއިވާލި ކަނދުފަތީގެ ވިއުގައިގައި ހިމެނޭ ކަނދުފަތިތަކުގެ ކައިރީގައި މަސްވެރިކަން ކުރެވޭނެ އައު އުސޫލުތައް ހިމެނެއެވެ.