twitterviber whatsapp telegramfacebookyoutube instagram
30th April 2024

ނައިވާދޫ އަތުން ހޯދި މޮޅާއެކު ސެމީގެ ފަހު ޖާގަ ކޮރަލްސްއަށް

މުޙައްމަދު އަހުމަދު
Jun 14, 2023

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ކުޅުދުއްފުށި ޗެމްޕިއަންޝިޕް 2023 ގައި މިއަދު ކުޅެވުނު މެޗުގައި ނައިވާދޫ ޓްރެއިނާސް ކުލަބު އަތުން ހޯދި މޮޅާއެކު މުބާރާތުގެ ސެމީ ފައިނަލުގެ ފަހުޖާގަ ކުލަބް ކޮރަލްސްއިން ހޯދައިފި އެވެ.

މިއަދު ހަވީރު ކުޅެވުނު މެޗުން ނައިވާދޫގެ މައްޗަށް ކޮރަލްސްއިން ކުރިހޯދީ 2 - 1 ގެ ހަނިތަފާތަކުންނެވެ. މެޗުގައި ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މެޗުގައި ވަރަށް ފައުލްތަކެއް ވެސް ފެނިގެންދިޔަ އެވެ.

ކޮރަލްސްގެ މުހައްމަދު ރަޝީދު (ހޮކޭ)އާއި އަހްމަދު ހަސަން އަދި ނައިވާދޫގެ އަބްދުﷲ ޖާވިދާއި އަހްމަދު ފާއިޒަށް ރީނދޫ ކާޑު ދެއްކިއިރު އެޓީމުގެ މުހައްމަދު އަސްލަމަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާފަ އެވެ.

މެޗުގައި ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ދެޓީމަށް ލިބުނު ނަމަވެސް މެޗުގައި މޮޅަށް ކުޅެފައިވަނީ ކޮރަލްސްއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނުނުއިރު މިހާފު ނިމުނީ 0 - 0 ން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފު ދެޓީމުން ވެސް އިތުރަށް ކުޅުން ވަރުގަދަކުރިއިރު މެޗުގެ 52 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކޮރަލްސްގެ އަހްމަދު ހަސަން އެޓީމަށް ލީޑު ނަގައިދިނެވެ. ނަމަވެސް އޭގެ ދެމިނެޓުފަހުން ހުސެއިން މައިޝާން އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.

މައިޝާންގެ ލަނޑާއެކު ނައިވާދޫއިން އުއްމީދު އާކުރި ނަމަވެސް އޭގެ މިނެޓެއްފަހުން ކޮރަލްސްއިން އަނެއްކާވެސް ލަނޑެއްޖަހާ މެޗު އިތުރަށް ފޯރިގަދަކޮށްލި އެވެ. 55 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެޓީމުގެ ޖޯޒީ ނަމްބަރު 7 މުހައްމަދު ޖައިލަމް އެވެ.

ޖައިލަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އޭނާ ވަނީ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހާސިލްކޮށްފަ އެވެ. މިމޮޅާއެކު ޖުމްލަ 7 ޕޮއިންޓާއެކު ގްރޫޕްގެ ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ކޮރަލްސް މިވަނީ ސެމީއަށް ދަތުރުކޮށްފަ އެވެ.

މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައިވާ ޓީމުތަކަކީ ކޮރަލްސްއާއި ހުވާސްގެ އިތުރުން ހަނިމާދޫއާއި ޒިގްޒެގެވެ. ސެމީގައި ހުކުރު ދުވަހު ހަވީރު ޒިގްޒެގާއި ކުލަބް ހުވާސް ބައްދަލުކުރާއިރު ދެވަނަ ސެމީގައި ހޮނިހިރު ދުވަހު ހަވީރު ހަނިމާދޫއިން ނުކުންނާނީ ކުލަބް ކޮރަލްސްއާ ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355