މޯލްޑިވްސް ފުޑް ކާނިވަލްގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ދިރާގާ އެކު ސޮއިކޮށްފިއެވެ.
ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސްއިން އިންތިޒާމްކޮށް ބާއްވާ މި ކުލަގަދަ އިވެންޓްގެ މެއިން ސްޕޮންސަރުގެ ގޮތުގައި ދިރާގުން ސޮއި ކުރިއިރު، މި އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއި ކުރެއްވީ ދިރާގުގެ އެސިސްޓަންޓް ބްރޭންޑް މެނޭޖާ ނާޔާ ޝަރީފްއެވެ. އަދި، މޯލްޑިވްސް ފުޑް ކާނިވަލްގެ ފަރާތުން ސޮއި ކުރެއްވީ ތިންކް އެސޯސިއޭޓްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އަދީލް އިސްމާއިލެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ވާހަކަ ދައްކަވަމުން ދިރާގުގެ އެސިސްޓަންޓް ބްރޭންޑް މެނޭޖާ ނާޔާ ޝަރީފް ވިދާޅުވީ، މޯލްޑިވްސް ފުޑް ކާނިވަލްގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ސޮއިކޮށް، މި ކުލަގަދަ އިވެންޓް ޢާންމުނާއި ހަމައަށް ގެނެސްދިނުމަކީ ދިރާގަށް ލިބޭ ބޮޑު އުފަލެއް ކަމަށެވެ.
"ދިވެހި އަދި ބޭރުގެ ތަފާތު ފަރާތްތަކުގެ ކާބޯތަކެތި ދިރާގު ފުޑް ސްޓްރީޓް އަދި އެހެނިހެން ސްޓޯލްތަކުން ވެސް ލިބިވަޑައިގަންނަވާނެ. އެހެންކަމުން ހުރިހާ ބޭފުޅުންވެސް 20 އިން 24 ޖޫންގައި ހުޅުމާލެ ސެންޓްރަލް ޕާކަށް ޒިޔާރަތް ކޮށްލައްވާ،" ނާޔާ ޝަރީފް ވިދާޅުވިއެވެ.
މި ކަމާ ގުޅިގެން ތިންކް އެސޯސިއޭޓްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އަދީލް އިސްމާއިލް ވިދާޅުވީ މި ފަހަރުގެ ކާނިވަލް އިން ކުރިން ނުފެންނަ ފަދަ ތަފާތު ކާބޯތަކެތީގެ ތަޖުރިބާތަކެއް ލިބޭނެ ކަމަށެވެ.
އަދި، އެގޮތުން ތިންކްގެ އުންމީދަކީ ދިރާގާ އެކު އެކި ޝެފުންނާއި ވިޔަފާރިތަކާއި ދިވެހި ފަންނާނުންނާއި ފަންނުވެރިންގެ ހުނަރާއި އުފެއްދުންތައް ދައްކާލުމުގެ ޕްލެޓްފޯމެއް ފަހިކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މޯލްޑިވްސް ފުޑް ކާނިވަލަކީ ތަފާތު ކާބޯތަކެއްޗާއި ކަލިނަރީ ޕްރޮޑަކްޓްތައް ދައްކާލުމުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި މިއުޒިކާ އެކު ބާއްވާ ފަސް ދުވަހުގެ ކާނިވަލެކެވެ.
މި ކާނިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކްގައި މި މަހުގެ 20 އިން 24 ނިޔަލަށެވެ. މި ކާނިވަލުގައި ކުރިއަށްދާނެ ހަރަކާތްތަކުގެ ތެރޭގައި "ބިރުވެރި ހޮހަޅަ"، ތަފާތު ދިވެހި ފަންނާނުނާއި ލަވަކިޔުންތެރިންގެ ހުނަރު ދައްކާލުމަށް އޯޕަން ސްޓޭޖެއް އަދި ކަލިނަރީ މުބާރަތްތަކެއް ހިމެނެއެވެ.
އަދި، މީގެ އިތުރުން ގިނަ ކާބޯތަކެތި ވިއްކާ ފަރާތްތައް ވެސް އެ ފަރާތްތަކުގެ ޕްރޮޑަކްޓްތައް ދައްކާލާ ވިއްކުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކާނިވަލް ތެރޭގައި އާޓިސަން މާކެޓް، ފުޑް ސްޓްރީޓް، ޓީ އެންޑް ކޮފީ ފެސްޓިވަލް އަދި ޓޭސްޓް ދަ ވޯލްޑް އަށް ބަހާލެވިގެން ސްޓޯލްތައް ހުންނާނެއެވެ.