ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކަށްވުރެ، ސަރުކާރު ސިޓީ ކައުންސިލާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުތައް އަވަސްކަމާއެކު ކުރިއަށްގެންގޮސް ކަނޑައެޅިފައި އޮންނަ ވަގުތަށް ނިންމާލެވޭކަމަށް ކުޅުދުއްފުށީ މޭޔަރު ވިދާޅުވެއްޖެ އެވެ.
މޭޔަރު އާތިފް މިހެން ވިދާޅުވީ، ސިޓީ ކައުންސިލްގެ ދެވަނަ އަހަރީދުވަހުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތައް ނުނިމި ދިގުލާދާ މައްސަލައަށް އިޝާރާތްކުރައްވަމުން އާތިފް ވިދާޅުވީ، ނަތީޖާއަށް ބަލާއިރު ފެންނަ އޮތް ހަގީގަތަކީ ސިޓީ ކައުންސިލާ ހަވާލުކޮށްގެން ގެންދެވޭ މަޝްރޫއުތައް އަވަސްކަމާއެކު އެ އޮންނަ ވަގުތަށް ނިންމާ ރައްޔިތުންނަށް އޭގެ ފައިދާ ލިބޭލެއް އަވަސްކަމަށެވެ.
ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ވެރިކަމަކަށް ބައްޓަން ކުރަން އެންމެ ރަނގަޅު ނިޒާމަކީ ލާމަރުކަޒީ ނިޒާމު ކަމަށެވެ. ލާމަރުކަޒީ ނިޒާމެއް 2010 ވަނަ އަހަރު އުފަން ވެގެން ދިޔަކަމުގައިވިޔަސް ދެން އައިވެރިކަންތަކުން ގާނޫނަށް އިސްލާހުތަކެއް ގެނެސް އެ ނިޒާމުގެ ތެރެއިން ރައްޔިތުންނާ ގާތަށް ކައުންސިލުތަކަށް ދޫކުރެވިފައި ހުރި ބާރުތަކެއް ހިފެހެއްޓިގެން ދިޔަކަން މޭޔަރު ފާހަގަކުރެއްވި އެވެ.
އެއަށް ފަހު 19 ވަނަ މަޖިލީހުގެ ތެރެއިން އެ ގާނޫނަށް އިސްލާހުތަކެއް ގެނެވި ކުރިއަށްވުރެ ފުރިހަމަ ގާނޫނަކަށް މިހާރުވެފައިވީނަމަވެސް އަދިވެސް ލާމަރުކަޒީ ގާނޫނުން ރައްޔިތުން ބާރުވެރިވުމަށް އެންމެ ބޭނުންވާ ބާރުތަކާއި އެންމެފުރިހަމައަށް އެ ނިޒާމު ތަންފީޒު ކުރުމަށް ބޭނުންވާ ކަންތައްތަކެއް ގާނޫނުތަކާއި ގަވާއިދުތަކުން އުނިވާކަމަށް އާތިފް ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނުން ސިޓީ ކައުންސިލްތަކަށް ކުރުމަށް ލިބިދޭ ބައެއް މަސައްކަތްތައް ދޫކޮށްލުމަށް އަދިވެސް ސަރުކާރުން ފަސް ޖެހޭކަން ވިދާޅުވެ އެކަމުގެ މިސާލު ދައްކަވަމުން ވިދާޅުވީ، 15 މިލިއަނުން ދަށުގެ މަޝްރޫއުތަކަކީ ސިޓީ ކައުންސިލާ ހަވާލުކޮށްގެން ކުރިއަށްގެންދެވޭނެ މަޝްރޫއުތަކެއް ވިޔަސް އެކަން ކައުންސިލަށް ދޫކޮށްލަން ސަރުކާރުން ފަހަތު ފަޔަށް ބުރަވާ މަންޒަރު ފެންނަ ކަމަށެވެ.
"މިއީ ހަގީގަތުގައި އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ ކަމެއް. ނަތީޖާ ދައްކާގޮތުން އަޅުގަނޑުމެންގެ މަސައްކަތްތައް ކުރިއަށްގެންދިޔަ ގޮތުން ލިބިފައިވާ ތަޖުރިބާ އިން އަޅުގަނޑުމެންނަށް ފެންނަ ހަގީގަތަކީ ސިޓީ ކައުންސިލާ ހަވާލުކޮށްގެން ގެންދެވޭ ޕްރޮޖެކްޓްތައް އަވަސްކަމާއެކު އެ އޮންނަ ވަގުތަށް ނިންމާ ރައްޔިތުންނަށް އޭގެ ފައިދާ ލިބޭނެ ގޮތް ފަހިވެގެންދާކަން." މޭޔަރު ވިދާޅުވި އެވެ.
އެހެންވުމުން މޭޔަރު ވަނީ ކައުންސިލްތަކަށް ގާނޫނުން ލިބިފައިވާ ފުރިހަމަ ބާރުތައް ސަރުކާރުގެ މުށުތެރެއިން ދޫކޮށް ކައުންސިލްތަކަށް ދޫކޮށް ރައްޔިތުންނާ ހިސާބަށް ބާރުތައް ފުރޮޅާލުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ.