twitterviber whatsapp telegramfacebookyoutube instagram
3rd May 2024

އުރީދޫ މަސްރޭސް މި އަހަރު ރާއްޖޭގެ ހަތަރު ސިޓީގައި

ނަބީލާ އިސްމާޢީލް
Jun 17, 2023

އުރީދޫ މަސްރޭސް މި އަހަރު މާލޭ ސިޓީގެ އިތުރުން ރާއްޖޭގެ އެހެން ސިޓީތަކުގައި ވެސް ބާއްވަން ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އުރީދޫން ބުނީ އޮގަސްޓް މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ވެގެންދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަ ގަދަ މަސްވެރިކަމުގެ މުބާރަތަށެވެ. އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ މަސްރޭސް މާލެ، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ރާއްޖޭގެ ހަތަރު ސިޓީއަށް މި މުބާރާތް ފުޅާކުރީ އުރީދޫ މަސްރޭހުގެ ފޯރި އާއި އުފަލުގައި ބައިވެރިވުމުގެ ފުރުސަތު އިތުރު މީހުންނަށް ފަހިކޮށްދިނުމަށް ކަމަށެވެ.

އުރީދޫން ބުނީ އެ ކުންފުންޏަށް 18 އަހަރު ފުރުން ފާހަގަ ކުރުމަށް މި އަަހަރު މަސްރޭސް ބާއްވާނީ އޮގަސްޓު މަހު ކަމަށާއި މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސްވެރިކަަމުގެ މުބާރާތަށް ވާނެ ކަމަށެވެ.

ސްރޭހާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ މަސްރޭހުގެ ޕާޓްނަރަކަށްވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"މަސްރޭހަކީ މުބާރާތެއްގެ އިތުރުން، އަޅުގަނޑުމެންގެ މުޖުތަމަޢުތަކުގެ އެއްބައިވަންތަކަމާއި އެކުވެރިކަން ދައްކުވައިދޭ، މަސްވެރިކަމުގެ ސަޤާފަތް ދައްކުވައިދޭ ހަރަކާތެއް،" ޑރ. ހުސެއިން ވިދާޅުވި އެވެ.

މަސްރޭހުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

ރަޖިސްޓްރޭޝަން ފޯމް ހުށަހަޅާއިރު ޓީމުގެ ބައިވެރިންނަށް 150 ރުފިޔާއަށް މަސްރޭސް ކިޓް މޫލީ މެދުވެރިކޮށް ގަނެވޭނެ ކަމަށް އުރީދޫން ބުނެ އެވެ. މަސްރޭސް ކިޓުގައި ހިމެނޭނީ މަސްރޭސް ކޯރީ އާއި ޓީޝާޓެވެ. ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް 12 މެމްބަރުން ތިބެންވާނެ ކަމަށް އުރީދޫން ބުނެ އެވެ.

މުބާރާތް ބާއްވާ ތާރީހުތައް

  • މާލެ ސިޓީ - އޮގަސްޓް 4
  • ކުޅުދުއްފުށި ސިޓީ - އޮގަސްޓް 11
  • އައްޑޫ ސިޓީ - އޮގަސްޓް 18
  • ފުވައްމުލައް ސިޓީ - އޮގަސްޓް 25

މުބާރާތުގެ އެއްވަނަ ޓީމަށް 25،000 ރުފިޔާ ލިބޭއިރު ދެވަނަ ޓީމަށް 10،000 ރުފިޔާ އަދި ތިންވަނަ ޓީމަށް 5،000 ރުފިޔާ ލިބޭނެ އެވެ. މީގެ އިތުރުން އެންމެ މޮޅު މަސްވެރިޔާއަށް 1،000 ރުފިޔާ އަދި އެންމެ މޮޅު އަންހެން މަސްވެރިޔާއަށް 1،000 ރުފިޔާ ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ.

އުރީދޫ މަސްރޭސްގައި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓްތަކާއި އާންމުން ބައިވެރިވުމަށް މަރުހަބާ ކިޔާ ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355