twitterviber whatsapp telegramfacebookyoutube instagram
30th April 2024

ޗެމްޕިއަން ކޮރަލްސް ކަޓުވާލާ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ފައިނަލަށް

މުޙައްމަދު އަހުމަދު
Jun 17, 2023

ކުޅުދުއްފުށި ސިޓީގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ކުޅުދުއްފުށި ޗެމްޕިއަންޝިޕް 2023 ގެ ސެމީ ފައިނަލުގެ ފަހު މެޗުގައި މިއަދު އެންމެ ފަހުގެ ޗެމްޕިއަން ކުލަބް ކޮރަލްސް ކަޓުވާލާ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ފޯރިގަދަ މިމެޗު ހަނިމާދޫއިން ކާމިޔާބުކުރީ 2 - 1 ގެ ހަނި ތަފާތަކުންނެވެ. ފުރަތަމަ ހާފު ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ރަނގަޅު ކުޅުމެކެވެ. ލަނޑެއް ނުފެނުނު ނަމަވެސް ފުރަތަމަ ހާފު ދެޓީމަށް ވެސް ލަނޑު ޖަހަން ފުރުސަތު ލިބުނެވެ. ހާއްސަކޮށް ކޮރަލްސްގެ ފަރާތުން ހާފުގެ ފަހު ކޮޅު ގިނަ ހަމަލާތަކެއް ފެނުނެވެ.

ނުރައްކާތެރި ހަމަލާތަކެއް ކޮރަލްސްއިން ހަނިމާދޫ ގޯލަށް ފޮނުވާލި ނަމަވެސް ހަނިމާދޫގެ ކީޕަރު ހަމަލާތައް ދިފާއުކުރި އެވެ. ހަނިމާދޫ ޑިފެންޑަރުންގެ ފަރާތުން މިމެޗުގައި ރީތި ކުޅުމެއް ފެނިގެންދިޔަ އެވެ. ގިނަ ހަމަލާތަކެއް ހުއްޓުވިއިރު އެޓީމުން ވަނީ އެޓޭކާ ބައިވެރިވެ ރީތި ކުޅުމެއް ދައްކާފަ އެވެ.

މެޗުގެ ފުރަތަމަ ހާފު ފެނުނު އެންމެ ނުރައްކާތެރި އެއް ހަމަލާއަކީ ހާފު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ކޮރަލްސްގެ ކުޅުންތެރިޔަކު ފޮނުވާލި ހަމަލާ އަމާޒުވީ ގޯލު ދަނޑިއަށެވެ. ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ހަނިމާދޫގެ ފަރާތުން މެޗުގައި ގިނަ ފައުލްތަކެއް ފެނިގެންދިޔަ އެވެ. ފުރަތަމަ ހާފު އެޓީމުގެ 3 ކުޅުންތެރިޔަކަށް ރީނދޫ ކާޑު ދެއްކިއިރު މުޅި މެޗުގައި ހަނިމާދޫގެ ޖުމްލަ 6 ކުޅުންތެރިޔަކަށް ވަނީ ރީނދޫ ކާޑު ދައްކާފަ އެވެ. ކޮރަލްސްއިން ވެސް ފުރަތަމަ ހާފު ދެ ރީނދޫ ކާޑު ހޯދާފައިވެ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 0 - 0 ން އެއްވަރުވެގެންނެވެ. ނަމަވެސް ދެވަނަ ހާފު ހަނިމާދޫ ފެނިގެންދިޔައީ އިހުނަށްވުރެ ވަރުގަދަކޮށެވެ. ހާފު ފެށި ގޮތަށް ދެވަނަ މިނެޓުގައި އެޓީމުން ލީޑު ނެގި އެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެޓީމުގެ ޖޯޒީ ނަމްބަރު 29 ހުސެއިން ރަމީޒް އެވެ. މިލަނޑަކީ ލިބުނު ކޯނަރަކުން ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ހުސެއިން ރަމީޒް ކާމިޔާބުކޮށްދިން ރީތި ލަނޑެކެވެ.

ކައިރި ކައިރީ ގިނަ ހަމަލާތަކެއް އުފައްދާ ފުރަތަމަ ލަނޑު ޖެހިތާ ދެމިނެޓުފަހުން ހަނިމާދޫއިން އަނެއްކާވެސް ލަނޑެއް ޖަހާ މެޗު ޑޮމިނޭޓްކުރި އެވެ. ހަނިމާދޫގެ ދެވަނަ ލަނޑު އެޓީމަށް ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 10 ނައުފަލް އަބްދުލް ރައޫފެވެ. މިލަނޑަކީ ހަނިމާދޫގެ ޖޯޒީ ނަމްބަރު 12 އަލީ ހުސެއިން ހުރަސްކޮށްލި ބޯޅަ އޭރިއާ ތެރޭގައި އޮވެފައި ނައުފަލް ފައިން ޖައްސާލައިގެން ކާމިޔާބުކުރި ހިތްގައިމު ގޯލެކެވެ. އަލީ ހުސެއިން ވަނީ މިމެޗުގައި ދެ އެސިސްޓްކޮށްފަ އެވެ. މެޗުގައި އޭނާގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންގޮސްފައިވެ އެވެ.

މިލަނޑާއެކު ހަނިމާދޫއަށް މެޗުގައި ހަމަޖެހުމެއް ލިބިގެންދިޔަ އެވެ. ދެލަނޑުގެ ލީޑެއްގައި އޮވެ ހަނިމާދޫއިން ކުޅެމުން ދިޔަ ނަމަވެސް ޕްރެޝަރުގައި އޮތް ކޮރަލްސްއިން ވަނީ 60 ވަނަ މިނެޓުގައި ޒައިދު އަށް ލިބުނު ފުރުސަތުގައި ގޯލު ޖަހާ ފަރަގު ކުޑަކޮށް އުއްމީދު އާކޮށްފަ އެވެ. މިލަނޑަކީ މިހާތަނަށް މުބާރާތުގައި ފެނިގެންދިޔަ އެންމެ ރީތި އެއް ގޯލެވެ. ކޮރަލްސް ފަހުތުﷲ (ފައްތެ) ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އެއްފަހަރުން ވޮލީއަކުން ޖަހާ ޒައިދު ވަނީ ބޯޅަ ގޯލުގެ މަތީ ކަނަށް ވައްދާލާފަ އެވެ.

ލަނޑެއް ޖެހުމަށްފަހު ހިތްވަރު އާކޮށް ކޮރަލްސްއިން އަނެއްކާވެސް އިތުރަށް ކުޅުން ރަނގަޅުކުރި އެވެ. ގިނަ ހަމަލާތަކެއް އުފެއްދުމަށް ކޮރަލްސްއިން މަސައްކަތްކުރި ނަމަވެސް އެހަމަލާތަކަށް ހުރަސް އެޅީ ހަނިމާދޫގެ ހުނަރުވެރި ޑިފެންޑަރުންނެވެ. މެޗުގެ ފަހު ކޮޅު ކޮރަލްސްއިން މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ވަރަށް މަސައްކަތްކުރި ނަމަވެސް ހަނިމާދޫއިން ވަނީ ކޮރަލްސް ހަމަބިމަށް ތިރިކޮށްފަ އެވެ. މެޗުގެ އެންމެ ފަހު ވަގުތުކޮޅު ގިނަ ފައުލްތަކެއް ފެނުނުއިރު ކޮރަލްސްގެ ޖޯޒީ ނަމްބަރު 3 އަހްމަދު ދާއޫދު (ޑޭވިޑް)އަށް ރެފްރީ ވަނީ ސީދާ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. އަދި ހަނިމާދޫގެ އަލީ ހުސެއިންއަށް ވެސް ރެފްރީ ވަނީ ރަތްކާޑު ދައްކާފަ އެވެ.

މިމޮޅާއެކު ހަނިމާދޫ ފައިނަލުގެ ދެވަނަ ޖާގަ ހޯދިއިރު އެޓީމުން ފައިނަލުގައި ނުކުންނާނީ ޒިގްޒެގް ފޯ ޔޫތް ލިންކޭޖާ ދެކޮޅަށެވެ. ފޯރިގަދަ ފައިނަލަކަށް ދެޓީމުން ނުކުންނައިރު ފައިނަލު މެޗު އޮންނާނީ އަންނަ ހޯމަދުވަހުގެ ހަވީރު 3:50 ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355