twitterviber whatsapp telegramfacebookyoutube instagram
28th April 2024

މަކުނުދޫ އެއާޕޯޓުގެ ބިން ހިއްކަން 16 މިލިއަން ޑޮލަރަށް ބިގް ފިޝް މޯލްޑިވްސްއާ ހަވާލުކޮށްފި

ނަބީލާ އިސްމާޢީލް
Jun 22, 2023

ހދ މަކުނުދޫ އެއާޕޯޓު އެޅުމަށް ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް 16 މިލިއަން ޑޮލަރަށް ބިގް ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މި މަސައްކަތުގެ ކޮންޓްރެކްޓުގައި ސޮއިކުރީ މިއަދު ޕްލޭނިން މިނިސްޓްރީގައި އޮތް ހަފްލާގައެެވެ. 366 ދުވަހުގެ ތެރޭ މި މަސައްކަތް ނިންމަން ޖެހޭއިރު މި މަޝްރޫއުގެ ދަށުން އެއާޕޯޓަށް ބޭނުންވާ 43.12 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި ހިއްކާ ސަރަޙައްދު ހިމާޔަތްކުރުމުގެގޮތުން 3493 މީޓަރުގެ ރިވެޓްމަންޓް ޖެހުންވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

ބިގްފިޝްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާފިން އަހްމަދު އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދު އެވެ.

ރާއްޖޭގެ ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓްތަކެއް ތަރައްގީކޮށްދޭނެ ފަރާތްތައް ހޯދުމަށް ޕްލޭނިން މިނިސްޓްރީން އިއުލާންކުރީ ޑިސެމްބަރު 20، 2021 ގައެވެ. އެއީ ހދ މަކުނުދޫއާއި، ށ ބިލެތްފަހިއާއި، ބ ތުޅާދޫއާއި، ރ އަތޮޅު ދެކުނު ބިތުގެ ރަށެއްގައި އަޅާ އެއާޕޯޓަކާއި، ފ މަގޫދޫގެ އިތުރުން ތ ވިލުފުށްޓެވެ. ރ އަތޮޅު ދެކުނު ބިތުގައި އެއާޕޯޓް އަޅާނީ ބެރިޔަންފަރުގައި ކަމަށް މިމަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އިއުލާންކުރައްވާފަ އެވެ.

ސަރުކާރުގެ ވައުދަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން އެއްމެ ދުރުވެގެން 20-30 މިނެޓް ދަތުރެއްކޮށްފައި ދެވޭހާ ކައިރީގައި އެއާޕޯޓެއް ތަރައްޤީކުރެއްވުމެވެ. ކައިރީގައި މީހުން ދިރިއުޅޭ ރަށްތައް ނެތުމުން، މި ޕްލޭނާ އެއްގޮތަށް މަސައްކަތް ނުގެންދެވޭނެ ހަމައެކަނި ސަރަހައްދަކީ މަކުނުދޫ ހިމެނޭ ސަރަހައްދެވެ. އެހެންކަމުން ސަރުކާރުން އިއުލާންކުރެއްވީ އެރަށުގައި ވަކިން އެއާޕޯޓެއް ތަރައްގީކުރުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355