twitterviber whatsapp telegramfacebookyoutube instagram
27th April 2024

އެއާޕޯޓް އެޅުމަށް 3 ރަށެއްގެ ބިން ހިއްކަން ހަވާލުކޮށްފި

ނަބީލާ އިސްމާޢީލް
Jul 12, 2023

އެއާޕޯޓް އެޅުމަށް ތިން ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ބަޔަކާއި ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓާއި މިއަދު ހަވާލުކޮށްފައިވަނީ ބ. ތުޅާދޫ، ތ. ވިލުފުށި އަދި ށ. ބިލެތްފަހީގައި އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތެކެވެ.

ޖުމްލަ 42.4 މިލިއަން ޑޮލަރަށް އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 280 ދުވަސް ތެރޭ ނިންމާގޮތަށެވެ.

މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިންގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިވަރާޖާ މަނިވައްނަންއެވެ.

ތުޅާދޫ އެއާޕޯޓް އެޅުމަށްޓަކައި އެރަށުން ހިއްކަނީ 44.70 ހެކްޓަރުގެ ބިމެވެ. ވިލުފުއްޓާއި ބިލެތްފަހީ އެއާޕޯޓް އެޅުމަށްޓަކައި ހިއްކަނީ 56.34 ހެކްޓަރުގެ ބިމެވެ.

ތުޅާދޫ އާއި ވިލުފުށީގައި އެއާޕޯޓް އަޅަން ނިންމީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހެވެ. ބިލެތްފަހީގައި އެއާޕޯޓެއް އަޅާނެކަން ޕީޕީއެމްގެ ވެރިކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ އިއުލާންކުރައްވާފައެވެ.

ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓްތަކެއް ތަރައްގީކޮށްދޭނެ ފަރާތްތައް ހޯދަން ސަރުކާރުން އިއުލާންކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރު ގައެވެ. އެއާޕޯޓުއަޅަން ނިންމާފައިވާ ރަށްތަކަކީ ހދ މަކުނުދޫއާއި، ށ ބިލެތްފަހިއާއި، ބ ތުޅާދޫއާއި، ރ ބެރިޔަންފަރު، ފ މަގޫދޫގެ އިތުރުން ތ ވިލުފުށްޓެވެ. މީގެ ތެރެއިން އަމަލީ މަސައްކަތް އަދި ފެށީ މަގޫދޫ އެއާޕޯޓުގެ އެކަންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355