twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ނޮޅިވަރަންފަރުގައި މިއަހަރުވެސް ބޮޑުމަސް ބޭނުން އޮންނާނެ

އަބްދުލް ވާހިދު ޙަސަން
Jun 26, 2023

ކޮންމެ ރަށެއްގައިވެސް ބޮޑު އީދުގައި ކުޅޭ ހާއްސަ ކުޅިވަރުތަކެއް ނުވަތަ ހަރަކާތްތަކެއް އޮވެ އެވެ. އެގޮތުން ހދ ނޮޅިވަރަންފަރުގައި ބޮޑު އީދުގައި ކުޅޭ އެންމެ ހާއްސަ އެއް ކުޅިވަރަކީ ބޮޑު މަސް ބޭނުމެވެ.

އީދުގައި ބައެއް އެހެން ރަށްތަކުގައިވެސް ބޮޑު މަސް ބޭނުމުގެ ހަރަކާތް ކުރިއަށްގެންދެ އެވެ. އެކަމަކު އެހެން ބައެއް ރަށްތަކާއި ނޮޅިވަރަންފަރުގައި ބޮޑު މަސް ބޭނުމުގެ ހަރަކާތް ތަފާތުވާ އެއް ސަބަބަކީ އެރަށުގައި ބޮޑުމަސް ބާނާނީ މޫދުންނެވެ. އެހެން ބައެއް ރަށްތަކުގައި ބޮޑުމަހުގެ ކުޅިވަރަކީ އެއްގަމުގައި އޮންނަ ކުޅިވަރެކެވެ.

އެހެން ރަށްރަށުގައި ބޮޑުމަސް ހަދާފަ ހުންނަނީ ފަނުން ވިޔެގެން ނަމަވެސް ނޮޅިވަރަންފަރުގައި ބޮޑުމަސް ހަދަނީ ދަގަނޑުން އޮނިގަނޑެއްގައި، އަވި ނެޓް އަޅައި އޭގައި ކުލަ ޖައްސައިގެންނެވެ. ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ނަދީމު ވިދާޅުވީ، މިއަހަރުވެސް ބޮޑުމަސް ޒަމާނާ އެއްގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ބޮޑުމަސް ބޭނުމުގެ މި ހަރަކާތްތަކީ ގިނަ ބައެއްގެ ސަމާލުކަން ލިބޭ ކުޅިވަރެކެވެ. އެ ހަރަކާތް ބަލާލުމަށް ކޮންމެ އަހަރަކުވެސް ގިނަ ބަޔަކު އެރަށަށް ޒިޔާރާތްކުރެ އެވެ.

ބޮޑު މަސް ބޭނުމުގެ އިތުރުން އެހެން ގިނަ ކުޅިވަރުތަކެއްވެސް ނޮޅިވަރަންފަރުގައި މިއަހަރުވެސް އޮވެ އެވެ. އެގޮތުން އީދުގެ ހަރަކާތްތައް ފެށިގެންދާނީ ރަސްމީ ބޯޅަދަނޑުގައި އޮންނަ އީދު ނަމާދާއެކު އެވެ. އެއަށްފަހު އީދު ސައި ކުރިއަށްދާނެ އެވެ.

އީދު ދުވަހުގެ ހަވީރު ކޯޑި ކުޅުމާއި އެރޭ އަގުލެއްވުން އަދި ވާދެމުން ކުރިއަށްދާނެ އެވެ. މި ހަރަކާތްތައް ކުރިއަށްދާނީ ރަސްމީ ޖެޓީ ސަރަހައްދުގަ އެވެ. ދެވަނަ އީދު ދުވަހު ރާވާލާފައިވާ ހަރަކާތްތަކަށް ބަލާއިރު އެ ދުވަހުގެ ހެނދުނު ކުޑަކުދިންނަށް ހާއްސަކޮށް ވާދެމުން ކުރިއަށްދާނެ އެވެ. މީގެ އިތުރުން މަސްހުނި ރޭހާއި ނާކެނޑުން، އަގުލެއްވުން އަދި ބޮޑެތި މީހުންގެ ވާދެމުންވެސް ކުރިއަށްދާނެ އެވެ.

ތިންވަނަ އީދު ދުވަހު ހަވީރު މާލި ޕެރޭޑާއި ވާދެމުން ކުރިއަށްދާއިރު ބޮޑުމަސް ބޭނުމާއި އީދު ފުރުވާ ސައި އޮންނާނީ ޖުލައިމަހުގެ އެއްވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355