ކުޅުދުއްފުއްޓަށް، ރައީސް އިބުރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ޓާޝަރީ ހޮސްޕިޓަލުގެ އާ އިމާރާތް މަށިމާލި ޕެރޭޑްގައި ދައްކާލައިފި އެވެ. ސިޔާސީ ގިނަ ޖޯކްތަކެއް ފެނިގެންދިޔަ މި ޕެރޭޑްގައި މިއަހަރުވެސް އެންމެ ގިނައީ ސަރުކާރުން ރައްޔިތުންނަށްވެ ނުފުއްދާ ހުރި ވައުދުތަކެވެ.
ކޮންމެ އަހަރުވެސް ބޮޑުއީދުގައި ކުރިއަށްގެންދާ މަށިމާލި ޕެރޭޑަކީ މުޅިން ތަފާތު މާލިޕެރޭޑެކެވެ. މަށި ލައިގެން އުޅޭ މާލިތަކާއި ކަޅުތެލާއެކުވާ މާލިތަކުގެ އިތުރުން ރަށުގެ މަސައްކަތްތެރިކަންވެސް މި ޕެރޭޑުން ފެނިގެންދާނެ އެވެ. އަދި އޭރަކު އެންމެ ހިނގާ ސިޔާސީ ކަންކަމުގެ މައްޗަށް ހަޖޫ ޖަހައި ސިޔާސީ މާލިތަކާއި ފުޅަނދުތައްވެސް ހުންނާނެ އެވެ.
ރައީސް އިބުރާހިމް މުހައްމަދު ސޯލިހް ކުޅުދުއްފުށީ ރައްޔިތުންވެ، ނުފުއްދާ ހުރި ވައުދުތަކަށް ބަލާލާއިރު އެފަދަ ގިނަ މާލިތަކާއި ފުޅަނދުތައް ޕެރޭޑުން ފެނުނުކަން ފާހަގަކުރެވެ އެވެ. އެގޮތުން ހދ އަތޮޅުގެ ފަތުރުވެރިކަމަށް މި ސަރުކާރުން މިހާތަނަށް އައިރު އެންމެ ރިސޯޓެއްވެސް ތަރައްގީކުރެވިފައިނުވާތީ އެކަމަށް "ހދ. ގެ ފަތުރުވެރިން" ފުޅަނދެއް ފެނުނެވެ.
ޓާޝަރީ ހޮސްޕިޓަލުގެ އާ އިމާރާތުގެ ބޮޑު ފުޅަނދެއް ފެނިގެންދިޔައިރު މަގު ހެދުމުގެ މަޝްރޫއު އިންތިހާ ލަސްކަން ހާމަވާ އެއް ފުޅަނދަށްވުރެ ގިނަ ފުޅަނދުތައް ފެނުނެވެ. އެގޮތުން " ސީޑީއާރުގެ ހޭވިމަގު" ފެނިގެންދިޔައިރު "ވަޑި ތިޖޫރި" ވެސް ފެނިގެންދިޔަ އެވެ. އެ ފުޅަނދުގައި ވީޑިސީގެ ގިނަ އަދަދެއްގެ މުވައްޒަފުން ތިއްބެވެ. ވެމްކޯއަށް ކުޅުދުއްފުށީގެ ކުނިކޮށި މެނޭޖްކުރަން ހަވާލުކުރަން ކިޔާތާވެސް މިހާރު ގިނަ އަހަރުތަކެއްވެފައިވާތީ އެކަމަށްވެސް ހާއްސަ ފުޅަނދެއްވެސް މަށިމާލި ޕެރޭޑުން ފެނުނެވެ.
ސަރުކާރުން ކުޅުދުއްފުށީގައި އަޅަން ކިޔާ ފުއް ފެކްޓްރީގެ ވައުދުތައްވެސް ގިނަ އެވެ. ފުއް ފެކްޓްރީގެ އެމްޑީ އާއި ސީއީއޯއެއްވެސް ހުރިއިރު ފުއް ފެކްޓްރީއަށް ވަޒީފާ "ބަހާ" ފޯމްތަކެއްވެސް ގެންގުޅުނެވެ. މިނިސްޓަރު މަހުލޫފް ކުޅުދުއްފުށީގައި ސިންތަޓިކް ޓްރެކެއް އަޅުވާ ވާހަކައަކީ ދައްކާތާ ހަތަރު އަހަރުވެފައިވާ ބާ ވާހަކައެކެވެ. އެކަމަށް ނެރުނު ފުޅަނދުތައްވެސް ގިނަ އެވެ.
އީދާ ދިމާކޮށް މި ފަހަރު ކުރިކަމަކީ ސަމާސާ ސްޓައިލަކަށް ފެޝަން ޝޯއަކާއެކު "ހަ ވާ އެރުވުން" ނަމުގައި ރަށުގެ ބަންޑާރަ މައިދާނުގައި ބޭއްވި އިވެންޓެއް އޮންނާނެ ކަން ސިޓީ ކައުންސިލުން ކުރިއާލާ އިއުލާން ކުރުމެވެ. އެތަނަށް ރަށުގެ ކުދި ބޮޑު އެންމެންހެން ޖަމާވިއިރު ބަޑިބޭހުގެ ބަދަލުގައި ސްޓޭޖަކަށް ހަ ވާގަނޑު ނެގި މަންޒަރެވެ. އެކަމަށް ފާޑު ކިޔާ މަށިމަލީ ޕެރޭޑްގައި ގިނަ ފުޅަނދުތަކެއް ނެރުނެވެ.
ދާދި ފަހުން ރައްޔިތުން މަޖިލީހުގައި ހިނގި ކަންތައްތަކަށް އަލި އަޅުވާލާ ނެރުނު "މުގާބޭ" ގެ ފުޅަނދަށްވެސް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ރައްޔިތުން މަޖިލީހުގައި ހިނގި ކަންތައްތަކެއްގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އެމްޑީޕީގެ ބައެއް މެމްބަރުން އެ ދުވަސްވަރު މުގާބޭގެ ނަމުން ގޮވި އެވެ.
މާފަރުން ފެނުނު ޖަނަވަރާ ގުޅޭ ގޮތުން " މާފަރު ބޮޑުކަޅު އައިޖިގޮލާ" ނަމުގައިވެސް ފުޅަނދެއް ފެނުނުއިރު ކޮތަޅުން ދެ ރުފިޔާ ނަގަން ފެށުމުން އެކަމަށްވެސް މަށިމާލި ޕެރޭޑްގައި ފުޅަނދުތައް ފެނުނެވެ. އެގޮތުން "ފުއްދުން ވައުދު" ގެ ފުޅަނދަކާއި "ޗޯރު" ފުޅަނދެއްވެސް ފެނުނެވެ.
ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފަށް ޖޯކް ޖަހާ "ރަންނަމާރި ތުރުކީ ދަތުރުކޮޅު" ގެ ފުޅަނދެއްވެސް ދައްކާލި އެވެ. މީގެ އިތުރުން ގެއްލުނު ޗާގޯސް އާއި ދާދި ފަހުން ޓައިޓޭނިކް ބަލަން ދިޔަ އޯޝަން ގޭޓްގެ ފުޅަނދެއްވެސް މަށިމާލި ޕެރޭޑުން ފެނިގެންދިޔަ އެވެ.
ކުޑަކުދިންނާ ގުޅުން ހުރި ގިނަ އަދަދެއްގެ މާލިތަކާއި ތަފާތު އެކި މާލިތައް ފެނުނު މިއަހަރުގެ މަށިމާލި ޕެރޭޑަކީ ގިނަ ބައެއްގެ ސަމާލުކަން ހޯދި ފުރިހަމަ ޕެރޭޑަކަށެވެ. މިއީ މިގޮތަށް ރާއްޖޭގައި އެންމެ ގިނަ މީހުން ބައިވެރިވެގެން ބާއްވާ މާލި ޕެރޭޑެވެ.