ސާފް ޗެމްޕިއަންޝިޕުގެ ދެވަނަ ސެމީގައި ރޭ ޕެނަލްޓީ ޖަހައިގެން ލެބަނަންގެ މައްޗަށް ކުރިހޯދާ މުބާރާތުގެ އެންމެ ކާމިޔާބު ގައުމު އިންޑިއާއިން ޖެހިޖެހިގެން ނުވަވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
2005 ވަނަ އަހަރުން ފެށިގެން 9 ފައިނަލަށް ވެސް އިންޑިއާ ދަތުރުކުރިއިރު އެޓީމު ފައިނަލުގައި ނުކުޅެނީ އެންމެ ފަހަރަކު އެވެ. ރޭގެ މެޗުގައި އެޓީމުން ތަފާތު މޮޅު ކުޅުމެއް ދައްކާ މިވަނީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފަ އެވެ.
މެޗުގެ ފުރިހަމަަ ވަގުތުގެ ކުޅުން ހަމަވިއިރު ވެސް ލަނޑެއް ނުޖެހުމުން ކުޅެވުނު އިތުރުވަގުތުގެ ދެހާފުގައި ވެސް އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވި އެވެ.
ރޭގެ މެޗު ފެށި ގޮތަށް ދެޓީމުން ވެސް ހަމަލާތައް އުފެއްދުމަށް މަސައްކަތްކުރިއިރު މެޗުގެ ފުރަތަމަ މިނެޓުގައި ލެބަނަންއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ޒެއިން ފަރާން ނަގައިދިން ހުރަސް އެއްފަހަރުން ނަދާރު މަތާރު ފޮނުވާލިއިރު ބޯޅަ ދިޔައީ ގޯލު މަތިން ބޭރަށެވެ.
އޭގެފަހުން ވެސް ޒެއިން ފަރާންއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ އިންޑިއާގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ. އިންޑިއާގެ ކެޕްޓަން ސުނިލް ޗެތްރީއަށް ވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުހިފިފަ އެވެ.
ލެބަނަންއިން މެޗުގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެހަމަލާތަކުގެ ހުރަހަކަށްވީ އިންޑިއާގެ ހުޝިޔާރު ކީޕަރު ގުރްޕުރީތު އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ލަނޑެއް ނުޖެހުމުން ކުޅެވުނު އިތުރުވަގުތުގެ ދެހާފު ކުޅެވުނެވެ.
މިދެހާފު ވެސް އިންޑިއާއިން ޑޮމިނޭޓްކޮށްގެން ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު އެޓީމުން ވަނީ ގިނަ އެޓޭކްތަކެއް އުފައްދާ ލެބަނަންގެ ގޯލަށް ނުރައްކާކޮށްފަ އެވެ. ނަމަވެސް ލަނޑެއް ކާމިޔާބުވާ ގޮތެއް ނުވި އެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި އިންޑިއާއިން ވަނީ އެޓީމުން ޖެހި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. އެއީ ޗެތުރީއާއި އަންވަރު އަދި މަހޭޝްއާއި އުދަންތަގެ ޕެނަލްޓީތަކެެވެ. ލެބަނަންގެ 4 ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ ދެ ޕެނަލްޓީ އެވެ. އެއީ ވަލީދު ޝޫރުއާއި ސަދެކްގެ ޕެނަލްޓީ އެވެ. ކެޕްޓަން މާތޫކުގެ ޕެނަލްޓީ އިންޑިއާއިން ދިފާއުކުރިއިރު ހަލީލްގެ ޕެނަލްޓީ ދިޔައީ ގޯލު މަތިން ބޭރަށެވެ.
އިންޑިއާއިން ފައިނަލުގައި ނުކުންނާނީ އިއްޔެ ހަވީރު ބަންގްލަދޭޝް ބަލިކޮށް ފައިނަލަށް ދަތުރުކުރި ކުވައިތާ ދެކޮޅަށެވެ.