twitterviber whatsapp telegramfacebookyoutube instagram
5th May 2024

ފުރަތަމަ ކީމޯ ސެޝަން ކޭއާރުއެޗުން ކާމިޔާބުކަމާއެކު ނިންމާލައިފި

ނަބީލާ އިސްމާޢީލް
Jul 4, 2023
1

ކެންސަރު ބަލި ތަހައްމަލު ކުރަމުންއަންނަ މީހުންނަށް ދޭ ހާއްސަ ފަރުވާއެއް ކަމަށްވާ ކީމޯތެރެޕީގެ ފުރަތަމަ ސެޝަން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ކާމިޔާބު ކަމާއެކު ނިންމާލާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ކޭއާރުއެޗުން ބުނީ އެ ފަރުވާ ފަށާފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި އެގޮތުން ފުރަތަމަ ފަރުވާ ދީފައިވަނީ މި ސަރަހައްދުގެ ރަށަކަށް ނިސްބަތްވާ ފަރާތަކަށް ކަމަށެވެ.

މި ހިދުމަތް ބޭނުންވާ ފަރާތްތަކުން ނަން ނޯޓު ކުރުމަށް ހުޅުވާލާފައިވަނީ މިދިޔަ މަހު އެވެ. ކީމޯތެރަޕީގެ ހިދުމަތް ފަށަން ރާއްޖޭން ބޭރުންވެސް މުވައްޒަފުން ތަމްރީންކޮށްފައިވެ އެވެ.

ކިމޯ ތެރަޕީ ހިދުމަތް ދެވޭނެ ރައްކާތެރި މާހައުލެއް ކަށަވަރުކުރުމަށް އެ ހޮސްޕިޓަލުގެ ގާއިމްކުރެވުނު ކިމޯ ތެރަޕީ ޔުނިޓު ތަރައްގީކުރެވިފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ފަންނީ ތަޖުރިބާކާރުންގެ ލަފަޔާއިއެކުގައި ކަމަށާއި މިގޮތުން ހިދުމަތް ދިނުމަށް ވަކި ސަރަހައްދެއް ރިނޮވޭޓްކޮށް، ބަޔޯ ސޭފްޓީ ކެބިނެޓް އިންސްޓޯލްކުރެވި އަދި ހިދުމަތް ދިނުމުގައި ފޮލޯކުރާނެ އެސްއޯޕީ ތައް އަދި ގައިޑްލައިންތައް ވަނީ ތައްޔާރުކޮށްފަ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މި ހިދުމަތް ދިނުމައި ބޭނުންކުރށ ބައެއް ބޭސްތަކަކީ ސައިޓޯޓޮކްސިކް ގެ މާއްދާތައް އެކުލެވޭ ބޭސްތަކެއްކަމުން، ފަރުވާއަށް ފަހު އުފެދޭ މެޑިކަލް ވޭސްޓް ނައްތާލުމަށް ހުޅުމާލެ ހޮސްޕިޓަލުގެ އެހީތެރިކަން ހޯދައިގެން ތިލަފުއްޓަށް ގެންދެވޭނެ ކަމަށާއި މިފަދައިން ނައްތާލުމަށް ގެންދިޔުމާއި ހަމައަށް، ހޮސްޕިޓަލުގައި ރައްކާތެރިކަމާއިއެކު ބެހެއްޓިފައި ހުންނާނެ ކަމަށެވެ.

މި ސަރަހައްދުގައި ކިމޯ ތެރަޕީގެ ހިދުމަތް ފެށިގެން ދިއުން ވާނީ، ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ އެތައް އާއިލާއަކަށް ލިބިގެންދާނެ ލުޔަކަށެވެ.

އަދި މި ހިދުމަތް ހޯދުމަށް މާލެ ސަރަހައްދަށް ކުރާ ދަތުރުތައް މަދުކުރެވި، އެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅަކަށެވެ.

ކިމޯ ތެރަޕީގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށް މިކަމުގައި ހަރަކާތްތެރިވާ ނަރުހުންނާއި ޑަކްޓަރުންނަށް އިތުރު ތަމްރީނުތައް ހޯދައިދީ މި ހިދުމަތަށް އެދި އަންނަ ފަރާތްތަކަށް ލުއި ފަސޭހަގޮތްތަކެއް ހަމަޖައްސައިދިނުމަށް ހޮސްޕިޓަލުން މަސައްކަތްކުރަމުންދާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ވަނީ ދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355