ކެންސަރު ބަލި ދެނެގަތުމަށް ހަދާ "ޕެޓް ސްކޭން" އައިޖީމްއެޗްގައި ހަދަން ބޭނުންކުރާ މެޝިން ރާއްޖެއަށް ގެނައުމަށް އެސްޓީއޯ އާއި ހަވާލުކޮށްފި އެވެ.
މިކަމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ ޝާހު މާހިރެވެ. އައިޖީއެމްއެޗް ފަރާތުން ސީއީއޯ އިބްރާހިމް ސަލީމް ސޮއިކުރެއްވިއިރު އެސްޓީއޯ ފަރާތުން ސޮއިކުރެއްވީ މެޑިކަލް ސާވިސަސްގެ ޖެނެރަލް މެނޭޖަރު އަހްމަދު ނިއުޝާދެވެ.
އެސްޓީއޯ އާއި ހެލްތު މިނިސްޓްރީ ދެމެދު ހަދާފައިވާ އެގްރިމެންޓުގެ ދަށުން، ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒަކާއި ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓް ގެންނާނީ އެ ކުންފުނިންނެވެ.
ދެ މަސް ދުވަހުގެ ތެރޭގައި ޕެޓް ސްކޭން މެޝިން ގެނެސް އައިޖީއެމްއެޗްގައި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މެޝިނުގެ ބޭނުމަކީ ހަށިގަނޑުގައި ކެންސަރު ހުރިތޯ ބެލުމާއި ފެތުރިފައިވާ މިންވަރު ދެނެގަތުމެވެ. އަދި ހިތާއި ސިކުނޑީގެ ބައެއް ބަލިތައް ދެނެގަތުމަށްވެސް މި މެޝިނުން ސްކޭން ހެދެ އެވެ.
ޕެޓް ސްކޭންގެ ހިދުމަތް ރާއްޖޭގައި ފެށިގެން ދިއުމަކީ ގިނަ ބަޔަކަށް ލިބޭނެ ލުޔެއް ކަމަށް ހެލްތް މިނިސްޓްރީ އިން ބުނެ އެވެ. ސަބަބަކީ ޕެޓް ސްކޭން ހެދުމަށް އާސަންދައިން ކޮންމެ އަހަރަކު ވެސް 1،000 އެއްހާ މީހުން ރާއްޖެއިން ބޭރަށް ފޮނުވަންޖެހުމެވެ.
ރާއްޖޭގެ އާބާދީއަށް ބަލާއިރު ގައިންގަޔަށް ނާރާ ބަލިތައް އަންނަނީ އިތުރުވަމުންނެވެ. ރާއްޖޭގައި މަރުވާ މީހުންގެ %84 މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންކަމަށް ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އާސަންދައިގެ ހަރަދުތަކަށް ބަލާއިރުވެސް، އެންމެ ބޮޑު ހަރަދެއް ހިނގަނީ ކެންސަރު ފަދަ ގައިން ގަޔަށް ނާރާ ބަލިތަކަށް ރާއްޖެއިން ބޭރުން ހޯދާ ފަރުވާއަށެވެ.