ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި 8 އެމްބިއުލާންސް، ސިއްހީ ހިދުމަތްދޭ ތަންތަނަށް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހަވާލުކޮށްފި އެވެ.
އެމްބިއުލާންސްތައް ހަދިޔާކޮށްފައި ވަނީ، އެކަމަށް ޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ޖަޕާން ސަރުކާރުގެ ފަރާތުން އެމްބިއުލާންސްތައް ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޖަޕާންގެ ސަފީރު ތަކެއުޗި މިދޯރީއެވެ.
ހެލްތު މިނިސްޓްރީގެ ފަރާތުން އެމްބިއުލާންސްތަކާ ހަވާލުވެވަޑައިގެންނެވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ. ހެލްތު ފެސިލިޓީތަކުން އެމްބިއުލާންސްތަކާ ހަވާލުވެވަޑައިގެންނެވީ އެ ފެސިލިޓީއެއްގެ މެނޭޖަރެވެ.
މި ރަސްމިއްޔާތުގައި ހއ ހޯރަފުށި ހެލްތު ސެންޓަރ، ހއ ކެލާ ހެލްތު ސެންޓަރ، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، ލ ގަން ރީޖަނަލް ހޮސްޕިޓަލް، ޏ ފުވައްމުލަކު ހޮސްޕިޓަލް، އައްޑޫ އިކެއެޓޯރިއަލް ހޮސްޕިޓަލް، މިއިން ކޮންމެ ރަށަކަށް 1 އެމްބިއުލާންސް އަދި ހުޅުމާލޭގައި ގާއިމުކުރެވިފައިވާ ނެޝަނަލް އެމްއެމްބިއުލާންސް ސާވިސަސްއަށް 2 އެމްބިއުލާންސް ހަވާލުކުރިއެވެ.
މި އެމްބިއުލާންސްތަކާއެކު، ކާރިސާގެ ވަގުތުތަކުގައާއި، އެމަޖެންސީ އަދި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ސިއްހީ ކުއްލިފަރުވާ ރަށްރަށުގައި އަވަހަށް ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަކަމެއް ލިބޭނެއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ނަސީމް ވަނީ، ޖަޕާނު ސަރުކާރުގެ ފަރާތުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބޭ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި ކޮވިޑްގެ ދަތި ހާލަތުގައި ވެސް ވެދިން އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހަވާލުކުރި އެމްބިއުލާންސްތަކަކީ "ޖަޕާން ގްރާންޓް އެސިސްޓެންސް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް'' (ޖީޖީޕީ)ގެ ދަށުން ހަދިޔާކުރި އެމްބިއުލާންސްތަކެކެވެ. މި އެމްބިއުލާންސްތަކަކީ، އަށް ސެޓުގެ 12 މެޑިކަލް އިކުއިޕްމަންޓާއެކު ހަދިޔާކުރި އެމްބިއުލާންސްތަކެކެވެ. މެޑިކަލް އިކުއިޕްމަންޓްތަކުގެ ތެރޭގައި އެޑްވާންސް ލައިޕް ސަޕޯޓް (އޭއެލްއެސް) އިކުއިޕްމަންޓް ބޭގްސް، އޮކްސިޖަން ސިލިންޑާ، ބޭގް ވޯލްވް މާސްކް އަދި ސްޕައިނަލް ބޯޑު ހިމެނެއެވެ.