ހަނިމާދޫ ސްކޫލްގައި އޭލެވެލް ކިޔަވާ ދަރިވަރުންނަށް ދާއިމީ ގޮތެއްގައި 2،000 ރުފިޔާގެ އެލަވަންސެއް ދޭން ހަނިމާދޫ ކައުންސިލުން ނިންމައިފިއެވެ.
މި ގޮތަށް ނިންމާފައިވަނީ މިދިޔަ ބުދަ ދުވަހު ކުރިއަށް ދިޔަ އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 99 ވަނަ ޖަލުސާގައި ރިޔާސަތުން ހުށައެޅި އެޖެންޑާގަ އެވެ. މި އެޖެންޑާގައި ހަނިމާދޫ ސުކޫލްގައި 11 އަދި 12 ކިޔަވާ ދަރިވަރުންނަށް އެލަވަންސެއް ދިނުމާ މެދު މަޝްވަރާކޮށް ވަނީ ގޮތެއްނިންމާފަ އެވެ.
ރިޔާސަތުން މި މައްސަލައިގެ ބަހުސަށް ހުޅުވާލުމުން، ކައުންސިލަރު ޙާރިޝާ މުހައްމަދު ހުށައެޅީ ހަނިމާދޫ ސްކޫލުން 2023 ވަނަ އަހަރު އޭލެވެލް ކިޔަވަން ބޭނުންވެ އެންމެ ފުރަތަމަ ފޯމް ހުށައަޅާ 15 ދަރިވަރަށް އެދަރިވަރުން ކިޔަވާ ނިމެންދެން 2000 ރުފިޔާގެ އެލަވަންސެއް ދިނުމަށެވެ.
މިފަދަ އެލަވަންސެއް ހަނިމާދޫ ކައުންސިލުން ތައާރަފު ކުރީ މަތީ ސާނަވީއަށް ކިޔަވަން ބޭނުންވާ ދަރިވަރުން މަދުވެ، މަތީ ސާނަވީއަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.
އޭލެވެލް ފަށަން ބޭނުންވާ ވަރަށް ކުދިން ހަމަނުވުމުގެ ސަބަބުން އެ ސްކޫލްގައި މަތީ ސާނަވީގެ ކިޔެން ހުއްޓުނީ 2018 ވަނަ އަހަރަށްފަހުއެވެ.
ހަނިމާދޫ ކައުންސިލުން ބުނީ އެލަވަންސެއް ދޭން ނިންމުމުން ކައިރި ރަށްރަށުން ވެސް ކުދިން އަންނަން ހިތްވަރަކަށް ވާނެ ކަމަށާއި އުއްމީދު ކުރަނީ އޭލެވެލް ފަށަން ބޭނުންވާ ވަރަށް ކުދިން ހަމަވާނެ ކަމަށެވެ.
15 ކުދިން ލިބިއްޖެ ނަމަ އެލަވަންސްގެ ގޮތުގައި މަހެއްގެ މައްޗަށް 30،000 ރުފިޔާ ހަރަދުވާނެ ކަމަށް ހަނިމާދޫ ކައުންސިލުން އަންދާޒާ ކުރެއެވެ.