އުރީދޫ މޯލްޑިވްސް އިން އެއްލައްކަ ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް، އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕް މި މަހުގެ 21 އަދި 22 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
މި މުބާރާތަކީ ގޭމު ކުޅޭ މުޖުތަމައުގައި ޕަބްޖީގެ އެންމެ ހުނަރުވެރި އަދި ވާދަވެރި ޓީމުތައް އެއްތަނަކަށް ގެނެސް ވާދަވެރި މާހައުލެއްގައި ބައިވެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހަމަޖެހިފައިވާ މުބާރާތެއް ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ.
އުރީދޫ ނޭޝަން އިން މިދިޔަ އަހަރު ބޭއްވި ރޯޑް ޓު 100ކޭ ކޮލިފައިން މުބާރާތްތައް ކަމަށްވާ ކޮންޓެންޑާ ސީރީޒް އެއް، ދޭއް އަދި ތިނެއްގެ އިތުރުން ވައިލްޑް ކާޑް އެންޓްރީ ސީރީޒްގެ ކާމިޔާބީއަށް ފަހު ޖުމްލަ 16 ޓީމެއް ވަނީ އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ހޯދާފަ އެވެ.
މުބާރާތުގެ ފުރަތަމަ ހަ މެޗު މިމަހުގެ 21 ވަނަ ދުވަހު ވާޗުއަލްކޮށް ކުޅުމަށް ހަމަޖެހިފައިވާއިރު ދެވަނަ ދުވަހުގެ މެޗުތައް ކުރިއަށްދާނީ މިމަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 6:00 އަށް ރެހެންދި ސްކޫލުގެ ހޯލުގަ އެވެ.
މުބާރާތުގެ ދެ ވަނަ ދުވަހުގެ މެޗްތަކަށް ފަހު އިނާމު ދިނުމުގެ ރަސްމިއްޔާތުވެސް ބޭއްވުމަށް ހަމަ ޖެހިފައި އެރޭ ރެހެންދި ސްކޫލުގައި އޮންނާނެ ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ. މުބާރާތުގެ އެންމެ މޮޅު ޓީމުތަކުގެ އަގު ވަޒަންކޮށް ދިނުމަށް ހަމަޖެހިފައިވާ 100،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ އެންމެ މޮޅު ތިން ޓީމަށެވެ.
އުރީދޫ އިން ބުނީ އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕްގެ ބައިވެރިންނަށާއި ގޭމިން ކޮމިއުނިޓީއަށް ވެސް ހަނދާން ނައްތާނުލެވޭ ވަރުގެ ތަޖުރިބާއެއް މުބާރާތުން ލިބިގެންދާނެ ކަމަށެވެ. މި އިވެންޓުގައި ހިތުގެ ތެޅުން އަވަސް އެކްޝަން، ނެއިލް ބައިޓިން ގޭމްޕްލޭ އަދި ހަގީގީ ގޭމިން ޗެމްޕިއަނުން އުފެދިގެން ދިއުން ފެނިގެންދާނެ ކަމަށްވެސް އުރީދޫން ބުނެ އެވެ.
އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕާއި ޓީމް އަޕްޑޭޓްތަކާއި ޝެޑިއުލްތަކާއި އެނޫންވެސް އެހެނިހެން ކަންކަމުގައި މައުލޫމާތު އުރީދޫ ވެބްސައިޓް އަދި އުރީދޫ ނޭޝަންގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުން ލިބޭނެ އެވެ.