ހއ އިހަވަންދޫގައި ހައުސިންގ މަޝްރޫއުއެއް ހިންގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިކަމަށް ވައުދުވެފައިވަނީ މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ހއ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދުގެ 5 ވަނަ މަންޒިލެއްގެ ގޮތުން ހއ އިހަވަންދޫ އަށް ވަޑައިގެން އެރަށުގައި މިރޭ ކުރިއަށްދާ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ބޮޑުތިލަދުންމަޗަކީ އެމްޑީޕީގެ ޗާޓުގައި ވަރަށް ކުލަގަދަކޮށް އޮތް ޗާޓެއް ކަމަށެވެ.
ރައީސް ވިދާޅުވީ އިހަވަންދޫއަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަން ހައްލުކުރުމަށް އެ ރަށުގައި ހައުސިންގ މަޝްރޫއެއް ފަށާނެ ކަމަށެވެ.
"މި ރަށަށް ބޭނުންވެފައުވާ ގެދޮރުގެ ދަތިކަން ހައްލުކުރުމަށްޓަކައި މިރަށުގައި ހައުސިންގ މަޝްރޫއެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފަށައިގެން ކުރިއަށް ގެންދާނަން." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބޮޑު ތިލަދުންމައްޗަކީ ފުދުންތެރި ތަނަވަސް ރައްޔިތުންތަކެއް އުޅުން ސަރަހައްދެއް ކަމަށެވެ. އެގޮތުން މި ސަރަހައްދުން ކުރަމުން އައި މަސައްކަތުން ރާއްޖޭން ބޭރަށްގޮސް މުދާ އެތެރެކުރަމުގައި އަމިއްލަ ދިރިއުޅުން ފައްކާ ކުރަމުން އައި ސަރަހައްދެއް ކަމަށެވެ. ނަމަވެސް 1950ގައި ސަރުކާރުގެ ސިޔާސަތުތަކަށް ގެނައި ބަދަލާއެކު ދުވަހަކަށްވުރެއް ދުވަހެއް މި ސަރަހައްދު ޗާޓުން ބޭރުވަމުން ގޮސް ބަލިކަށިވަމުން ގޮސް މިހިސާބަށް އައިސް އޮތްކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ،މިހާރު ނުކުމެ އެ ތިބީ ބޮޑުތިލަދުންމަތީގެ ރައްޔިތުންގެ ފުދުންތެރި މާޒީ އެ ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށެވެ.
މާލެދިއުމަށްޓަކައި ކަނޑު ހުރަސްކުރަން މިހާރު ނުޖެހޭނެ ކަމަށާއި ހޯރަފުށީގައި އަޅާފައިވާ އެއާޕޯޓްގެ ސަބަބުން އެ ފަސޭހަ ލިބޭނެ ކަމަށެވެ. އަދި އެހެން ނަމަވެސް އިހަވަންދޫގެ ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް ބޭނުންވާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ސިއްހީ ހިދުމަތް ގައްލައްދޫ ކަނޑު ހުރަސްނުކޮށް ލިބޭނެގޮތް ހޯދަން ޖެހޭ ކަމަށެވެ. އެހެން ކަމުން އެވިސްނުމުގައި އިހަވަންދޫގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ފެށި ނަމަވެސް ރައްޔިތުން އެދޭ ބާރުމިނުގައި އެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.
"ނަމަވެސް އެ ހޮސްޕިޓަލް އެޅުމަށްބޭނުންވާ ފައިސާ ހޯދާ ޓެންޑަރކޮށް، ބަޔަކާ ހަވާލުކުރެވިފައި، މަސައްކަތް މިހާތަނަށް ލަސްވެގެން މި ދިޔައީ، ސަރުކާރުން އޭގަ ކުރަން އޮތްކަމެއް ނުކުރެވިގެނެ ނޫން. އަޅުގަނޑުމެން މިހާރުވެސް މަސައްކަތް ކުރަމުން މި ދަނީ. އަޅުގަނޑުމެން މިހާރުވެސް މަސައްކަތް ކުރަމުން މިދަނީ ކޮންޓެކްޓްވެފައި އޮތް ފަރާތާއި ވާހަކަދައްކައިގެން އެކަން ވީހާވެސް އަވަހަކަށް ފެށޭނެ ގޮތެއް ހޯދަމުން" ރައީސް ސޯލިހު ވިދާޅުވި އެވެ.
މިހާރު ކޮޓްޓެކްޓް ކުރެވިފައިވާ ފަރާތާއި ކުރެވުނު މަޝްވަރާއިން ޔަގީންކަން ލިބިފައިވަނީ މި ޖުލައިމަސް ފަހު ކޮޅު އަދި އަންނަ މަހު ކުރީކޮޅުގައި މަސައްކަތް ފެށުންކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.