ސެޕްޓެމްބަރު 09 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު މޮނީޓާ ކުރުމާއި އޮބްޒާވް ކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން އެކަމަށް އެދުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހުޅުވާލައިފިއެވެ.
އީސީން ބުނީ ޖުލައި 19 ވަނަ ދުވަހުގެ 12:00 ން ފެށިގެން އޮގަސްޓް 13 ވަނަ ދުވަހުގެ 15:00 އާ ހަމަޔަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އިންތިހާބް އޮބްޒާވް ކުރުމާއި މޮނީޓާ ކުރަން އެދޭ މީހުންގެ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ.
އޮބްޒަރވް ކުރުމަށް އެދި ހުށަހެޅޭނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށެވެ. ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާއަތަކުން ނުވަތަ އަމިއްލަގޮތުން އޮބްޒާވަރަކަށް ވުމަށް ހުށަހަޅާ ފަރާތެއްނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައި ވެގެންނުވާނެއެވެ.
އިންތިހާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުމާއި އިންތިހާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑަށް އަމަލުކުރުމަށް އެއްބަސްވެ އިގުރާރުވެފައިވާ މީހަކު ކަމުގައި އެމީހަކު ވާންޖެހޭނެއެވެ.
ރިޔާސީ އިންތިހާބަށް 60 ދުވަހަށް ވެފައި ވާއިރު, ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރީރެޖިސްޓްރީ ވުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލާފައެވެ.
މިއަހަރުގެ އިންތިހާބުގައި ވޯޓު ލުމަށް 604 ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ. މި އިންތިހާބުގައި ޖުމުލަ 283،272 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބޭނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.