މަނީ ލޯންޑަރިންއާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރުކޮށްދޭން އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ މަނިކުފާނުގެ ވަކީލުންގެ ޓީމުން ރޭ ބުނެފި އެވެ.
ޔާމީންގެ ގާނޫނީ ވަކީލު، އާދަމް ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކީ ހައި ކޯޓުގައިވާ އިސްތިއުނާފީ މައްސަލަތައް ލަސްވާތީ އެމަނިކުފާނުގެ އަސާސީ ހައްގުތަކާއި އިންތިހާބީ ހައްގު ގެއްލިފައިވާތީ އެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައް ކަމަށެވެ.
ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ ކަމަށްވާ @ProgressPartyMV ގެ ރިޔާސީ ކެންޑިޑޭޓް ކަމުގައިވީހިނދު، ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިޢުނާފީ މައްސަލަތައް ނުނިމި…
— 𝗔𝗗𝗔𝗠 𝗦𝗛𝗔𝗠𝗘𝗘𝗠 (@AdamShameem) July 22, 2023
"އެ ހައްގުތައް ކަށަވަރުކޮށް ދިނުމަށްޓަކައި ރައީސް ޔާމީންގެ ފަރާތުން ރާއްޖޭގެ ސުޕްރީމް ކޯޓަށް ދާދި ދެންމެއަކު ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިން," ވަކީލު އާދަމް ޝަމީމް ލިޔުއްވާފައިވެ އެވެ.
ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔޫސުފް ނައީމްގެ އަތުން ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް އެ ކޯޓުން ކަނޑައެޅުމަށް ފަހުގަ އެވެ.
އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. އެއަށް ފަހު އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މިހާތަނަށް ތާވަލްކޮށްފައިނުވާއިރު، އިތުުރު އަޑުއެހުމެއް ތާވަލް ކުރާނެ ދުވަހެއް ނޭނގޭ ކަމަށް ހައި ކޯޓުން ވަނީ ބުނެފައެވެ.
އެކަމާ މެދު އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އެ ބޭފުޅުން ގެންދަވަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޖޭއެސްސީ އާއި ހައި ކޯޓު އަދި ކަމާ ބެހޭ އެހެނިހެން އިދާރާތަކަށް ވަޑައިގެން ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލަ ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރައްވަމުންނެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ. އަންނަ މަހުގެ ހަތް ވަނަ ދުވަހު އެ މުއްދަތު ހަމަ ވާނެއެވެ. އެ މުއްދަތުގެ ކުރިން ރައީސް ޔާމީންގެ ކެންޑިޑެންސީ ފޯމް ހުށަހެޅުމަށް އިދިކޮޅުން އަންނަނީ ތައްޔާރު ވަމުންނެވެ.