twitterviber whatsapp telegramfacebookyoutube instagram
5th May 2024

ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމްކޮށްފި

ނަބީލާ އިސްމާޢީލް
Jul 23, 2023

އަންނަ ރިޔާސީ އިންތިހާބާ ގުޅޭ ޝަކުވާތައް ބަލައިގަތުމަށްޓަކައި "ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ" އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގޭގައި) އިލެކްޝަންސް ކޮމިޝަން (އީސީ)ން ގާއިމު ކޮށްފިއެވެ. މިއީ އިންތިހާބާއި ގުޅުންހުރި ޝަކުވާތައް ހުށަހެޅުމަށް ކޮންމެ އިންތިހާބެއްގައިވެސް އުފައްދާ ބިއުރޯއެކެވެ.

އެކޮމިޝަނުން ބުނީ ޝަކުވާ ހުށަހެޅުމުގެ ފޯމު ލިބެންހުންނާނީ އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި އިންތިހާބާ ބެހޭ މަރުކަޒުންނާއި، އިލެކްޝަންސް ކޮމިޝަނުގެ އިދާރާގެ ކައުންޓަރުންނާއި ރަށްރަށުގެ ރަށު ކައުންސިލް އިދާރާ އަދި އަތޮޅު ތަކާއި ސިޓީ ތަކުގައި ހުރި އެ ކޮމިޝަނުގެ ފޯކަލް ޕޮއިންޓް ތަކުން ކަމަށެވެ.

ރާއްޖެއިން ބޭރުގައި ގާއިމްކުރެވިފައިވާ ފޯކަލް ޕޮއިންޓުތަކުންވެސް ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނެ ކަމަށް ވެސް އީސީން ބުންޏެވެ.

ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ގުޅޭނެ ނަންބަރުތަކަކީ 3004498 އަދި 3004450 އެވެ. މި ބިއުރޯގެ އީމެއިލް އެޑްރެހަކީ [email protected] އެވެ. އީމެއިލް މެދުވެރިކޮށް ފޮނުވޭ ޝަކުވާތައްވެސް ބަލައިގަނެވޭނެ ކަމަށް އެ ކޮމިޝަނުން ހާމަކުރިއެވެ.

އީސީން ބުނި ގޮތުގައި މިއަދުން ފެށިގެން ޝަކުވާ ހުށަހަޅާ މަރުކަޒު ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 14:00 އިން ހަވީރު 17:00 އަށެވެ.

ރިޔާސީ އިންތިހާބު 2023 ގެ ގައުމީ އިލެކްޝަން ކޮމްޕްލެއިންޓްސް ބިއުރޯ އުފައްދާފައިވީ ނަމަވެސް، އިންތިޚާބާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅަންޖެހޭނީ، އެންޓި-ކޮރަޕްޝަން ކޮމިޝަނަށެވެ. އަދި ބްރޯޑްކާސްޓް ކުރުމާބެހޭ މައްސަލަތައް ހުށަހަޅަންޖެހޭނީ، ބްރޯޑްކާސްޓިންގ ކޮމިޝަނަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355