ހދ ހަނިމާދޫ ކުޅިވަރު ބިމުގައި އޮންނަ ފުޓުސަލް ޓާފް ދަނޑު މަރާމާތު ކުރުމަށް މަސައްކަތް އެރަށު ކައުންސިލުން ފަށާ މަސައްކަތަށް ބޭނުންވާ ސާމާނު ގެނައުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
މި މަސައްކަތަށް ބޭނުންވާ ސާމާނު 7 ދުވަހުގެ ތެރޭގައި ގެނައުމަށް ހަވާލުކޮށްފައިވަނީ "މޯލްޑިވްސް އެޝުއަރ ސަޕްލައި" އަށެވެ. މި އެއްބަސްވުމުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ހަނިމާދޫ ކައުންސިލްގެ މެންބަރު އަލީ އިބުރާހިމެވެ. މޯލްޑިވްސް އެޝުއަރ ސަޕްލައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މަސްއޫލުވެރިޔާ މުސްތަފާ މުހައްމަދުއެވެ.
ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގު މުހައްމަދު ކޭއޯއަށް ވިދާޅުވީ މިއީ ހަނިމާދޫ ކައުންސިލުން 441001.80 (ހަތަރުލައްކަ ސާޅިސް އެއްހާސް އެއްރުފިޔާ އަށްޑިހަ ލާރި) ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެއް ކަމަށެވެ.
ފިރާގު ވިދާޅުވީ މި ދަނޑަކީ ޔާމިން ދައުރުގައި އެކި ރަށްރަށުގައި އެޅި ޓާފް ދަނޑުތަކުގެ ތެރެއިން ދަނޑެއް ކަމަަށާއި ދަނޑު ހަލާކުވެފައި އޮންނަތާ ވަރަށް ދުވަސްވެއްޖެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ދަނޑު އެޅިފަހުން އެއްވެސް ވަރަކަށް މަރާމާތު ނުކޮށް އޮތުމުން ދަނޑު ވަރަށް ބޮޑަށް ހަލާކުވެފައިވާކަމަށެވެ.
ދަނޑު މަރާމާތު ކުރުމަށް ޔޫތް މިނިސްޓްރީގައި ވަރަށް ގިނަ ފަހަރު އެދެވިފައިވީނަމަވެސް އެ މިނިސްޓްރީގެ އެއްވެސް އެހީތެރިކަމެއް އެކަމުގައި ނުލިބޭކަމަށެވެ.
ޒުވާނުންނާއި ދަނޑަށް ކުޅެންދާ ކުދިންގެ ވަރަށް ބޮޑުއެދުމެއްގެ މަތިން ކައުންސިލުން ފެށި މި މަސައްކަތަށް ޒުވާނުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަން ފާހަގަ ކުރައްވަމުން ފިރާގު ވިދާޅުވީ މި މަސައްކަތް ކައުންސިލުން ސާމާނު ހޯދައިދިނުމުން ޒުވާނުންތިބީ އަގަކާނުލާ މަސައްކަތް ކޮށްދޭން ކަމަށް ފިރާގު ވިދާޅުވި އެވެ.
"ދަނޑު ހެދުމާއެކު ނަމަ ވަރަށް ބޮޑު ހަރަދެއް ދޭ މިކަމަށް. ގާތްގަނޑަކަށް 2 މިލިއަން ވަރުގެ ހަރަދެއް ދޭ. އެހެންވީމަ ޒުވާނުން އެދިފައި އިނީ ތަކެތި ހޯދާދިނުމުން އެ މީހުން އެތަން ހަދާދޭނަމޭ. ރަށުގައި މިހާރު ބޭނުންކުރާ ބޮޑު ދަނޑަކީވެސް އެ ޒުވާނުން ހަދާފައި އިން ދަނޑެއް އެހެންވީމަ އެކުދިން ތަޖުރިބާ ހުންނާނުން." ފިރާގު ވިދާޅުވި އެވެ.
މިޕްރޮޖެކްޓްގެ ދަށުން ފުޓުސަލް ދަނޑުގައި އެޅުމަށް ބޭނުންވާ ގްރާސް ޓާފް، ސިލިކާ ސޭންޑް، ޓާފް ހިއްޕުމަށް ބޭނުންވާ އެޑެސިވް ޓޭޕް ސަޕްލައި ކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.
ފިރާގް ވިދާޅުވީ އޮއްވަޅުގޮނޑިއެއްހެން އޮތް ޓާފް ދަނޑު މަރާތުކޮށްދިނުމަށް ހަނިމާދޫ ކުޑަކުދިންނަށް އަދި ޒުވާނުންނަށް ވީ ވައުދު ހަނިމާދޫ ކައުންސިލުން ފުއްދައިދިނުމުގެ މަސައްކަތް މި ފެށުނީ ކަމަށެވެ.
ކައުންސިލްތައް ވުޖޫދުވުމަށްފަހު އުފެދުނު 4 ވަނަ ދައުރުގެ ހަނިމާދޫ ކައުންސިލަކީ ކުޅިވާރާ ތައުލީމަށް އަދި އުމުރާނީ ތަރަގީގެ ކަންތައްތަކުގައި ބޮޑެތި ހޭދައެއް ކުރަމުންދާ ކައުންސިލެއްކަން ފާހަގަކޮށްލެވެއެވެ.