twitterviber whatsapp telegramfacebookyoutube instagram
6th May 2024

ސަރުކާރު ބަދުނާމުވާ ގޮތަށް އަމަލުކުރުން މަނާކޮށް، މުދައްރިސުންގެ ސުލޫކީ މިންގަނޑެއް

ނަބީލާ އިސްމާޢީލް
Jul 25, 2023

ސަރުކާރު ބަދުނާމުވާ ގޮތަށް އަމަލުކުރުން މަނާކޮށް ރާއްޖޭގައި މުދައްރިސުންގެ ސުލޫކީ މިންގަނޑެއް ފުރަތަމަ ފަހަރަށް އެކުލަވާލައިފިއެވެ.

ދަރިވަރުންގެ ކަރާމަތާއި ރައްކާތެރިކަން ކަށަވަރުު ކުރުމުގެ ގޮތުން, ދައުލަތާއި ސަރުކާރާއި މަސައްކަތްކުރާ އޮފީސް ނުވަތަ އިދާރާ ބަދުނާމުވާފަދަ އެއްވެސް އަމަލެއް ކޮށްގެން އެއްވެސް މުދައްރިސަކު ނުވާނެ ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ.

އަދި އެޑިއުކޭޝަން މިނިސްޓްރީއިން ކަންކަން ކުރަން ރާވައިފައިވާ ގޮތް ދެނެގަނެ އެކަންކަމާ ބެހޭ މައުލޫމާތު ތައުލީމީ ދާއިރާގެ ހިއްސާދާރުންނަށް އޮޅުންފިލުވައިދޭން ޖެހޭނެ ކަމަށްވެސް މި އުސޫލުގައި ބުނެފައިވެއެވެ.

މި ސުލޫކީ މިންގަނޑުގެ މަގުސަދުގެ ގޮތުގައި ބަޔާންކޮށްފައި ވަނީ މުުދައްރިސުންގެ ކިބައިގައި ހުންނަންޖެހޭ ފަންނީ އަހުލާޤާއި އާދަތައް ހަރުދަނާކުރުމުގެ އިތުރުން ކޮންމެ މުދައްރިސަކީ ވެސް ޒިންމާ އަދާކުރުމުގައި ތެދުވެރި މީހަކަށް ހެދުމެވެ. އަދި އިހުލާސްތެރި ކަމާއި ޒިންމާދާރު ކަމާއެކު މަަސައްކަތްކޮށް އަދި ކަމަށް ކަމޭހިތާ މީހަކަށް ހެދުން ކަމުގައި ވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ދިވެހި މުޖުތަމައުގައި ތައުލީމީ ދާއިރާއަށް އޮންނަ ޤަދަރާއި އިޙްތިރާމް އިތުރުކޮށް ދެމެހެއްޓުންވެސް ހިމެނެއެވެ. އަދި މުދައްރިސުންގެ ފަންނީ އަޚުލާޤާއި އިޖުތިމާއީ ސުލޫކު ހަރުދަނާ ކުރުމަކީ ވެސް މި އުސޫލުގެ މަގުސަދެކެވެ.

މި އުސޫލުގައި ބުނެފައިވާ ގޮތުން މުދައްރިސުންގެ ސުލޫކީ މިންގަނޑު ބިނާވެފައި އޮންނަނީ ހަތް އަސާސެއްގެ މައްޗަށެވެ. އެއީ ދަރިވަރުންގެ ކަރާމަތާއި ރައްކާތެރިކަމާއި ތައުލީމީ ދާއިރާގެ އިތުބާރުގެ މައްޗަށާއި ދަރިވަރުންގެ ފަރުދީ ތަފާތުތަކުގެ މައްޗަށާއި ފަންނީ އަދި ރަސްމީ ގުޅުންތަކާއި ފަންނީ އަހުލާޤާއި ތެދުވެރިކަމާއި އިހުލާސްތެރިކަމާއި ޒަމާނާ އެކަށޭނެ އިލްމާއި ފަންނުވެރިކަމުގެ މައްޗަށެވެ.

މި އުސޫލުގައި އިތުރަށް ބުނެފައިވަނީ ދަރިވަރުންގެ ހައްޤުތައް ރައްކާތެރިކޮށް އެ ހައްޤުތައް ކަށަވަރުކުރުމަށް މުދައްރިސެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، ދަރިވަރުންނާ ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކާއި މިނިސްޓްރީން ކަނޑައަޅާ ސިޔާސަތުތަކާއި ގަވައިދުތަކާއި އުސޫލުތަކަށް އަހުލުވެރިވެ، އެ ކަންކަން ތަންފީޒުކުރުމަކީ މުދައްރިސުންގެ ޒިންމާއެއްގެ ގޮތުގައި އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355