twitterviber whatsapp telegramfacebookyoutube instagram
1st November 2026

މިއަހަރު ނިމުމުގެ ކުރިން ފުނަދޫ ބިން ހިއްކަން ހަވާލުކުރެވޭނެ: ރައީސް

އަބްދުލް ވާހިދު ޙަސަން
Jul 31, 2023

21 ރަށެއްގައި ބިން ހިއްކުމަށް ޕްލޭންކުރެވިފައިވާ ކަމަށާއި އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ށ ފުނަދޫގެ ބިން ހިއްކަން ކޮންޓްރެކްޓްކުރެވި ބަޔަކާ ހަވާލުކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ށ އަތޮޅަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ، ފުނަދޫގެ ތަރައްގީއަށް ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއްވެސް އެބަހުރި ކަމަށެވެ. އެގޮތުން ނުހެދި ހުރި މަގުތަކުގައި ތާރުއަޅައިގެން ހަދާނެ ކަމަށެވެ.

ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު އެ މަސައްކަތް ނިމުމުން މަގުތަކުގެ ތާރުއެޅުމުގެ މަސައްކަތް ފަށައިގަންނާނެކަމަށް ރައީސް ވިދާޅުވި އެވެ.

2014 އިން 2018 އާހަމައަށް އޮތް ވެރިކަމުގައި ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ހަރަދުކުރެވިފައި އޮތީ 22 ބިލިއަން ރުފިޔާ ކަމަށާއި މިސަރުކާރުގައި މިހާތަނަށް އައިރުގައި 32 ބިލިއަން ރުފިޔާ ޕީއެސްއައިޕީގެ ޕްރޮގުރާމުތަކަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ފެނާއި ނަރުދަމާގެ ހިދުމަތަށް އެކަނި 5.6 ބިލިއަން ރުފިޔާ މިހާތަނަށް ހަރަދުކުރެވިއްޖެ ކަމަށާއި އެއީ 141 ރަށެއްގައި މި މަޝްރޫއުތައް ހިންގުމަށްޓަކަ އެވެ. ރައްޔިތުންނަށް ބޭނުންވާ މިފަދަ އުމްރާނީ ތަރައްގީތަކާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން 150 ރަށެއްގައި އިންޖީނުގެ އަޅައި، ކޭބަލް ބަދަލުކޮށް، އޮފީސް ގާއިމުކޮށް ނިންމަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293