ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
ޕީޕީއެމްގެ ފަރާތުން އިލްކެޝަންސް ކޮމިޝަނަށް ފޯމު ހުށައެޅުއްވީ ރައީސް ޔާމީންގެ ރަސްމީ އިންތިހާބީ އެޖެންޓް އަދި ޕީޕީއެމްގެ ސެކެރަޓަރީ ޖެނެރަލް މުހައްމަދު ތޮލާލްއެވެ. ފޯމާއި ހަވާލުވެޑައިގަތީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ. ފޯމް ހަވާލުކުރުމުގައި ޕީޕީއެމްގެ ލީޑަރ ޝިޕުން އެންމެ އިސްކޮށް ހުންނެވީ ރައީސް ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ޑރ މުހައްމަދު ޖަމީލް އަހްމަދުއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑަރކުރުމުގެ ކުށް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. ޖަލުގައި އޮންނަވައިގެން، ކަރެކްޝަންސްގެ އެހީގައި އެ މަނިކުފާނު ވަނީ ކެންޑިޑެސީ ފޯމުގައި ސޮއި ކުރައްވައިފައެވެ.
ގާނޫނީ އަސާސީގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުމެވެ.
ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ ފޯމު ހުށަހެޅި ނަމަވެސް އެ ފޯމު ބަލައިގަތުމާ މެދު ވަނީ ގާނޫނީ ބަހުސެއް އުފެދިފައެވެ. އީސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ކެންޑިޑެސީ ހުށަހެޅުމުން އެ ދުވަހުން ދުވަހަށް ބަލައިގަތުމާ މެދު ގޮތެއް ނިންމޭތޯ އެ ކޮމިޝަނުން މަސައްކަތް ކުރާނެއެވެ.
ފޯމު ބަލައިގަތުމާ މެދު ގޮތެއް ނިންމަން، އެ ކޮމިޝަނަށް 48 ގަޑިއިރު ލިބޭނެއެވެ. އަދި، އީސީގެ ނިންމުމާ މެދު ހިތްހަމަނުޖެހިއްޖެ ހާލަތެއްގައި ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.
ފޯމާ ހަވާލުވުމަށް ފަހު މިއަދު ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ޔާމީންގެ ފޯމް ބަލައިގަތުމާ މެދު އެކޮމިޝަންގެ ގާނޫނީ ވަކީލުން 24 ގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ.