twitterviber whatsapp telegramfacebookyoutube instagram
4th May 2024

ޔާމީނުގެ ޝަރުތު ހަމަނުވާ ކަމަށް އީސީން ނިންމައިފި

ނަބީލާ އިސްމާޢީލް
Aug 1, 2023

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުށަހެޅުއްވި ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފިއެވެ.

ޔާމީންގެ ފަރާތުން ކެންޑިޑެސީ ފޯމު މިއަދު ހެނދުނު ހަވާލު ކުރެއްވީ އިންތިހާބީ އެޖެންޓު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލެވެ. އީސީގެ ފަރާތުން، ފޯމާ ހަވާލުވެވަޑައިގަތީ އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގެވެ.

މިއަދު އިރުއޮއްސި 6:00 ގެ ކުރިން ކެންޑިޑެސީ ބަލައިގަތުމާ ގުޅޭ ގޮތުން ޖަވާބެއް ދޭނެ ކަމަށް އީސީން އެންގުމަށް ފަހު ދާދި ދެންމެއަކު ކެންޑިޑެސީ ބަލައިނުގަންނަން ނިންމާފައިވާ ކަން ޕީޕީއެމް/ޕީއެންސީއަށް ވަނީ އަންގާފަ އެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި މިދިޔަ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ވަނީ ޔާމީނަށް، 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

އެކަމަކު، ޖަލުގައި އޮންނަވައިގެން އެ މަނިކުފާނު ވަނީ ކެންޑިޑެސީ ފޯމުގައި ސޮއި ކުރައްވައިފައެވެ. އަދި، ރަނިންމޭޓެއްގެ ގޮތުގައި 2013 ވަނަ އަހަރު ވެސް ރަނިންމޭޓެއްގެ ގޮތުގައި ކަނޑައެޅި، އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ހަމަޖައްސައިފައެވެ.

ގާނޫނީ އަސާސީގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުމެވެ.

އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ޓީމުން ކޮމިޝަނުގެ މެންބަރުންނަށް ދިން ގާނޫނީ ލަފަޔަކީ، ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އެއްވެސް ކޯޓަކުން ބާތިލުނުކޮށް ދެމިއޮތުމުން ގާނޫނު އަސާސީގައި ބަޔާން ކުރާ އެ ޝަރުތު ފުރިހަމަ ނުވާ ކަމަށެވެ.

ޔާމީނަށް އިއްވާފައިވާ ހުކުމް ހައި ކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފަ އެވެ. އިސްތިއުނާފުގެ ޝަރީއަތް ފަށައި ހަތަރު އަޑުއެހުމެއް ބޭއްވި އެވެ. އީދު ބަންދުގެ ފަހުން ބޭއްވުނީ އެންމެ އަޑުއެހުމެކެވެ. އެ ފަހުން، ފަނޑިޔާރުންގެ ޗުއްޓީ އޮތް ގޮތުން ހައި ކޯޓުގައި އެ ޝަރީއަތް ވަނީ މަޑުޖެހިފަ އެވެ.

ޔާމީންގެ އިސްތިއުނާފީ ހައްގުތަކާއި އިންތިހާބީ ހައްގުތައް ކަށަވަރު ކޮށްދިނުމަށް، އިސްތިއުނާފު ޝަރީއަތް ލަސް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދެ ފަހަރު މަތިން ދުސްތޫރީ މައްސަލައެއް ވެސް ހުށަހެޅި އެވެ. ދެ ފަހަރު ވެސް ކޯޓުން ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމައިފަ އެވެ.

ޔާމީނަށް ވާދަނުކުރެވޭ ހާލަތެއްގައި، ޕީއެންސީން ވަކި ކެންޑިޑޭޓެއް ނެރުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑާޝިޕްގައި މަޝްވަރާ ކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355