ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެނދުމަތިކުރެވިގެން ފަރުވާ ދެވޭ ފަރާތްތަކުގެ ބޭސްތައް ހަމަކުރުމުގައި ލުއިފަސޭހަ ގޮތެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ތައާރަފްކޮށްފި އެވެ.
އެގޮތުން ކުރިން ބަލިމީހާގެ ބޭސް ސިޓީއަށް އެ ފަރާތްތަކުގެ އެހީތެރިން ބޭސް ހަމަކުރާގޮތަށް ހަމަޖެހިފައިވާއިރު، މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އެނދުމަތިކުރެވިފައިވާ ބަލި މީހުންގެ ބޭސް ސިޓީއަށް ކުއެ ހޮސްޕިޓަލުން ކަނޑައަޅާފައިވާ އުސޫލެއްގެ ދަށުން ބޭސް ހަމަކޮށްދޭނީ ގާއިމްވެފައިވާ ބޭސްފިހާރަތަކުންކަމަށް ކޭއާރުއެޗުން ބުނެ އެވެ.
މި ހިދުމަތަށް 3 ހަފްތާ ފުރިހަމަވެފައިވާއިރު، މިހާތަނަށް 600 އަށްވުރެ ގިނަ ބޭސް ސިޓީއަށް ބޭސް ހަމަކުރެވިފައިވާކަމަށާއި އެހެންކަމުން ބަލި މީހުންގެ އެހީތެރިންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ނުވަތަ އެފަދަ ފަރާތަކުން 600 ފަހަރެއްގެ މަތިން އެކި ބޭސްފިހާރަތަކަށްގޮސް ބޭސްހަމަކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނެވުނީ ކަމަށެވެ.
ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅުގެ 41 ރަށަކުން 72000 ށް ވުރެ ގިނަ މީހުންނަށް ހިދުމަތް ދިނުމަށް ގާއިމްކުރެވިފައިވާ މި ހޮސްޕިޓަލުން ގިނަ އަދަދެއްގެ ރައްޔިތުން ހިދުމަތް ހޯދައެވެ. 2022 ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މަހެއްގެ މައްޗަށް ގާތްގަނޑަކަށް 10000 މީހުން އޯޕީޑީއިން ޑަކްޓަރަށް ދައްކައެވެ.
އަދި ގިނަ އަދަދެއްގެ ފަރާތްތަކަށް އެދުމަތިކޮށްގެންވެސް ފަރުވާ ދެވެމުން ދެއެވެ. ތަފާސްހިސާބުން ދައްކާގޮތުގައި 2022 ވަނަ އަހަރު ޖުމްލަ 2323 ފަރާތަކަށް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދެވިފައިވެއެވެ. އަދި ހޮސްޕިޓަލުގައި ހޭދަވާ ދުވަސްތަކުގައި ފަރުވާ ދިނުމަށް އެކި ފަހަރުމަތިން ބޭސް ނެގުމުގައި މީގެ ކުރިން ހަރަކާތްތެރިވާނީ ބަލިމީހާގެ އެހީތެރިންނެވެ.
މިފަދަ ހިދުމަތެއް ފެށުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ، ބަލި މީހުންގެ އެހީތެރިން މިފަދަ ކަންކަމުގައި ޝާމިލްވާންޖެހޭ މިންވަރު ކުޑަކޮށް، އެ ފަރާތްތަކުގެ ތަކްލީފަށް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދައިދިނުންކަމުގައި ހޮސްޕިޓަލުން މައުލޫމާތުދެ އެވެ. އަދި އެއް ބޭސްފިހާރައިން ނުލިބޭ ބޭސްތައް ހޯދުމަށް އެކި ފިހާރަތަކަށް އެހީތެރިން ދާންޖެހޭ ޖެހުމަށް މި ހިދުމަތުގެ ސަބަބުން ނިމުމެއް ގެނެވުނީ އެވެ. މީގެ އިތުރުން، ސްޓޮކަށް މަދުވާ ބޭސް ހަމަކުރުމުގެ ނިޒާމުވެސް މި ހިދުމަތުގެ ސަބަބުން އިތުރަށް ހަރުދަނާވެގެންދާނެކަމަށް އެފަރާތުން ދެކެ އެވެ.
މި މަސައްކަތް ރާވާލެވިފައިވާ ގޮތުން ހޮސްޕިޓަލުގެ ވޯޑުތަކުގައި މަސައްކަތްކުރައްވާ ނަރުހުން، އެނދުމަތިކުރެވިފައިވާ ފަރާތުގެ ބޭސް ސިޓީ ކަނޑައެޅިފައިވާ ގޮތެއްގެ މަތިން ބޭސްފިހާރަތަކާއި ހިއްސާކުރުމުން، އެ ދުވަހަކަށް ކަނޑައެޅިފައިވާ ބޭސްފިހާރައަކުން ބޭސް ހަމަކޮށްދީގެން ކަނޑައެޅިފައިވާ ނަރުހުންގެ ޖަގަހަތަކަށް ގެނެސްދޭނެ އެވެ.