ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލޭ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅައިފިއެވެ.
މުއިއްޒު ފޯމު ހުށަހަޅުހަޅައްވަން ވަޑައިގެން އިރު އަރިހުގައި ރަނިން މޭޓް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް އާއި ޕީއެންސީގެ ރައީސް އަބުދުއް ރަހީމް ޢަބުދުﷲ (އަދުރޭ) އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވަޑައިގަތެވެ.
އީސީގެ ރިޔާސީ އިންތިހާބާ ބެހޭ މައި މަރުކަޒު، ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މުއިއްޒުގެ ކެންޑިޑެސީ ފޯމާ ހަވާލުވެވަޑައިގެންނެވީ އީސީގެ ރައީސް ފުއާދު ތައުފީގެވެ.
ކޮރަޕްޝަނާއި މަނީ ލޯންޑާގެ ކުށް ސާބިތުވެ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަނުވާތީ އެ މަނިކުފާނުގެ އެންގެވުމުގެ މަތީން ޕީއެންސީން ކެންޑިޑޭޓެއް ނެރެން ފާސްކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުންނެވެ.
އެއާއެކު ޕީއެންސީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލެއްވީ ޔާމީންގެ ކެބިނެޓް ވަޒީރުން ކަމަށްވާ މުއިއްޒާއި އާދަމް ޝަރީފު އުމަރެވެ. އެ ދެބޭފުޅުންގެ ތެރެއިން ޕީއެންސީން ނެރޭނެ ކެންޑިޑޭޓަކު ނިންމަން ނެގި ސިއްރު ވޯޓުގައި ދެ ވޯޓުގެ ތަފާތަކުން ކުރި ހޯއްދެއްވީ މުއިއްޒެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދުގެ 2:00 އަށް ހަމަވާނެ އެވެ.