twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް ޔާމީން އެދިއްޖެ

ނަބީލާ އިސްމާޢީލް
Aug 8, 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އެދިއްޖެއެވެ.

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގައި ރައީސް ޔާމީން 11 އަަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި މައްސަލަ އެމަނިކުފާނު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

ހައި ކޯޓުގެ މީޑިއާ އޮފިޝަލް ބައެއް އޮންލައިން މީޑިއާތަކަށް ވިދާޅުވީ ހުކުމް ތަންފީޒް ކުރުން ފަސްކޮށްދިނުމަށް އެދި، އެކަން ކުރުމަށް އޮންނަ އިޖުރާއަތުގެ ތެރެއިން ރައީސް ޔާމީންގެ ވަކީލު ރޭގެ ވަގުތެއްގައި އެ ކޯޓުގައި އެދިފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން އާދީއްތަ ދުވަހު ކުރި ހުކުމުގައި ބުނެފައިވާއިރު، ޔާމީންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެއެވެ.

މިދިޔަ ޑިސެމްބަރު މަހު އެ ހުކުމް އިއްވާފައިވާއިރު، ޖޫރިމަނާ ފައިސާ ދެއްކުމުގެ މުއްދަތު ވަނީ ޖޫން މަހުގެ ނިޔަލަށް ހަމަވެފައެވެ. އެ ފައިސާ އަދިވެސް ޔާމީން ދައްކަވާފައި ނުވާއިރު، ބަންޑާރަ ނައިބުގެ އޮފީހުން މިހާރު ވަނީ އެ ފައިސާ ހޯދައިދިނުމަށް އެދި ސިވިލް ކޯޓަށް ވެސް ހުށަހަޅާފައެވެ.

ހައި ކޯޓުގައި އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް މިހާރު ނިމިފައިވާއިރު، ހުކުމް އިއްވުން ލަސްވެފައި ވަނީ އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރަކުން ޗުއްޓީއަށް ދިިޔުމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355