twitterviber whatsapp telegramfacebookyoutube instagram
27th April 2024

ޖަލުން މީހުން ނެރުމުގެ ސިޔާސަތެއް އެމްޑީޕީގައި އުޅުއްވިއިރު ފައްކާ ކުރެއްވިން: ނަޝީދު

ނަބީލާ އިސްމާޢީލް
Aug 9, 2023
1

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި 273 މީހުން ހިމެނޭއިރު، ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭއްވުމަކީ އިންސާފު ނޫން ކަމަށާއި އެމަނިކުފާނު މިހާރުން މިހާރަށް ދޫކޮށްލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ޑިމޮކްރެޓްސްއިން ރޭ ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ ޔާމީނާ މެދު މި ސަރުކާރުން ކަންތައްތައް ކޮށްފައިވާ ގޮތަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ ދެން މާގިނަ ގިނަ ދުވަހަކު ރައީސް ޔާމީން ޖަލުގައި ނުހުންނަވާނެ ކަމަށާއި ޔާމީން މިނިވަން ކުރަން ގޮވާލާ ބާއްވާ އިހުތިޖާޖުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ. އަދި ޕީޕީއެމްގެ ސަޕޯޓަރުންނާއެކު މަގުމަތީގައި ވެސް ތިބޭނެ ކަމަށާއި ބައިނައްލަޤްވާމީ ފަރާތްތަކާއި އެކުގަ ވާހަކަ ދައްކަން ވެސް ވަޑައިގަންނަވާނެކަމަށް ނަޝީދު ވިދާޅުވި އެވެ.

މި ސަރުކާރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ދޭތެރޭ އަމަލު ކޮށްފައިވާ ގޮތަކީ އެއީ އެންމެން ވެސް ކަންބޮޑުވާ ކަމެއް ކަމަށާއި އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލައިގައި 273 މީހުން ހިމެނޭ ކަމަށެވެ. ނަމަވެސް އެމައްސަލައިގައި އެންމެ ބޭފުޅަކު ހިފައި ހައްޔަރުކޮށް، ފަސް އަހަރުވީމާ އެއީ އިންސާފުގެ ގޮތުގައި ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ހަގީގަތުގައި މީހުން ޖަލުން ނެރެން އެނގިވަޑައިގަންނަވާ ކަމަށެވެ. އެކަމަކީ އެއީ އެމްޑީޕީގައި އުޅުނުއިރު، ފައްކާކޮށްފައިވާ ނިޒާމެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެނގޭ ހަގީގަތުގައި މީހުން ޖަލުން ނެރެން، އެމްޑީޕީގައި އަޅުގަނޑު އުޅުންއިރުގައި ފައްކާކޮށްފައިވާ ނިޒާމެއް އެއީ ޖަލުން ނެރުމުގެ ނިޒާމު" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ރަހުމަތްތެރި ޕީޕީއެމް މެމްބަރުންނަށް ޔާގީންކޮށް އަރުވަން، އިރާދަ ކުރެއްވިއްޔާ ދެން ގިނަ ދުވަހަކު ރައީސް ޔާމީން ޖަލުގައި ނުހުންނަވާނެ. އަޅުގަނޑުމެން އިހުތިޖާޖު ވެސް ބައިވެރިވާނަން. ތިބޭފުޅުންނާއި އެކު މަގުމަތީ ގައި ވެސް ތިބޭނަން. ބައިނަލްއަގުވާމީ ފަރާތްތަކާ އެކުގަ ވާހަކަ ދައްކަން ވެސް ދާނަން. އެކިއެކި ބައިނަލްއަގުވާމީ ވަކީލުން ދިވެހި ރާއްޖެއަށް ވަޑައިގެން، ވަކާލާތު ވެސް ކުރައްވާނެ. ރައީސް ޔާމީން އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ޖަލުން ނެރޭނަން" ނަޝީދު ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ އިންތިހާބުގެ ދެވަނަ ބުރެއްގައި އެބޭފުޅުން ލައްވާ އެމްޑީޕީއަށް ވޯޓު ދޭން ޖެހޭ ގޮތެއް ނުހެއްދުމަށް އިލްތިމާސް ކޮށްފައެވެ. އަދި ވޯޓުގެ ކަންކަން ވިސްނުންތެރިކަމާއި އެކީ ކުރިއަށް ގެންދިއުމަށް ވެސް ނަޝީދު ވަނީ އިލްތިމާސް ކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355