ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި މަސްވެރިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާނެ ކަމަށާއި މަސް ކިލޯއެއްގެ އަގު ފަށާނީ 25 ރުފިޔާ އަށްވުރެ މަތިން ކަމަށް ޖުމްޙޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ އިފުތިތާހު ކުރުމަށް އެ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމުގައި މަސްވެރިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާނެ ކަމަށާއި މަހުގެ ވިޔަފާރި ކުރާ ފަރާތެއްގެ ހައިސިއްޔަތުން މައްސަލަ ހައްލު ކުރަން އެނގިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑަށް އެނގޭ އެކަން ކުރާނެ ގޮތް. މަސް ކިލޯއެއްގެ އަގު ފަށާނީ 25ރ. އަށްވުރެ މަތިން،" ގާސިމް ވިދާޅުވި އެވެ.
ސަރުކާރުން ވިޔަފާރިތަކުގެ ތެރެއަށް ވަނުމުން އެ ވިޔަފާރިއެއް ވަނީ ހަލާކު ކަމަށާއި ފަތުރުވެރިކަން ވެސް ތަރައްގީވީ އަމިއްލަ މީހުންގެ މަސައްކަތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހި ސަރުކާާރުން ކަމެއްގެ ތެރެއަށް، ވިޔަފާރިއެއްގެ ތެރެއަށް އަތް ބާނައިގެން ތަޅުވައިގަތް ކޮންމެ ކަމެއް އޮންނާނީ ހަލާކުވެފަ. ޓުއަރިޒަމް ޑިވެލޮޕްމަންޓް މިގޮތަށް ރާއްޖެއަށް އައިސްފައި މި ވަނީ އަމިއްލަ ފަރާތްތަކަށް ސަރުކާރުން އެ ފުރުސަތު ދީގެން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމަކީ ގައުމީ ވާޖިބެއްކަމަށާއި ގޮތުން ވޯޓު ލާނީ ކޮންބޭފުޅަކަށް ކަން ނިންމާނީ ރައްޔިތުން އަމިއްލައަށް ކަމަށެވެ.
މިހާތަނަށް ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ކެނޑިޑޭޓުން ކުރިމަތިލީ މިފަހަރު އެވެ. ގާސިމްގެ އިތުރުން ސެޕްޓެމްބަރު 9، ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު ކޯލިޝަންގެ ޑރ. މުހައްމަދު މުއިއްޒާއި ދަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމެވެ. އޭގެ އިތުރުން އުމަރު ނަސީރާއި ފާރިސް މައުމޫނާއި ހަސަން ޒަމީލް ވެސް ވާދަ ކުރައްވަ އެވެ.