ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހަރަދުގައި މިހާތަނަށް ކިޔަވާފައިވާ އަދި މިހާރުވެސް ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ލޯނު ނަގައިގެން ކިޔަވާ ކުދިންގެ ތެރެއިން މިހާތަނަށް ލޯނު ނުދެއްކިވާ ފަރާތްތަކުގެ ލޯނުތައް މާފްކޮށްދެއްވުމަށް ނިންމަވައިފިއެވެ.
މިގޮތަށް ނިންމަވާފައިވަނީ ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
ޖުމްހޫރީ ޕާޓީގެ މައި ހަރުގެ މ. ކުނޫޒުގައި ޖޭޕީގެ މެނިފެސްޓޯ އިއުލާންކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ އެކި ދާއިރާތަކުން އެތައް ހާސް ދަރިވަރުން އޭނާގެ މަސައްކަތުން ހޯދި ފައިސާގައި ކިޔަވައިފި ކަމަށާއި މިވަގުތުވެސް ބައެއް ދަރިވަރުން ކިޔަވަމުންދާ ކަމަށެވެ.
ގާސިމް ވިދާޅުވީ އޭގެތެރެއިން ގިނަ ކުދިންނަކީ އޭނާ ކުރާ ހަރަދުގެ ވަކި ޕަސަންޓެއް އަނބުރާ ދައްކާ ގޮތަށް ކިޔެވި ކުދިން ކަމަށެވެ. އަދި އެގޮތަށް ކުރި ހަރަދުގެ ފައިސާ ބިލިއަނެއްހާ ރުފިޔާއާ ގާތްކުރާނެ ކަމުގައި ވިދާޅުވި އެވެ.
"އެ ހުރިހާ ކުދިންގެ ފައިސާ އަޅުގަނޑު މައާފްކޮށްފިން،" ގާސިމް ވިދާޅުވި އެވެ.
ވިލާ ފައުންޑޭޝަނުން އަދި އެމަނިކުފާނުގެ އަތްޕުޅުން ސީދާ ގޮތުން ދަރިވަރުންގެ ކިޔެވުމަށް ދޫކޮށްފައިވާ ލޯން ފައިސާ އެމަނިކުފާނަށް ކުރިއަށް އޮތް އިންތިހާބުގައި ކާމިޔާބު ލިބިވަޑައިނުގެންނެވި ނަމަވެސް ބޭނުން ނުވާ ކަމަށެވެ.
ގާސިމް ވަނީ ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް މާސްޓާސް ލެވަލް އަށް ކިޔެވުމަށް ބޭނުންވާ ކޮންމެ މީހަކަށް ދައުލަތުގެ ހަރަދުގައި ކިޔެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފިނަމަ ކިޔެވުމަށް ސަރުކާރުން ދޫކޮށްފައިވާ ސްޓޫޑަންޓް ލޯން މައާފްކޮށްދިނުމަށްވެސް ގާސިމް ވައުދުވެވަޑައިގެންނެވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކޮންމެ ރައްޔިތަކުވެސް އެންމެ ބޮޑު އިސްކަމެއް ދޭންވީ ގައުމު ތިމާއަށް ކޮށްދޭ ކަމެއް ބެލުމުގެ ބަދަލުގައި ގައުމަށް އިހްލާސްތެރިކަމާ އެކު ހިދުމަތް ކުރުމަށް ކަމަށެވެ.