twitterviber whatsapp telegramfacebookyoutube instagram
8th May 2024

އުރީދޫ މަސް ރޭހުގެ އައްޑޫ ޗެމްޕިއަނަކަށް ފެހުރިހި

Aug 20, 2023

އުރީދޫ މޯލްޑިވްސްގެ މަސް ރޭހުގެ އައްޑޫ ޗެމްޕިއަންކަން ފެހުރިހި ޓީމުން ހޯދައިފި އެވެ.

އުރީދޫ މަސްރޭސް 2023 މިދިޔަ ހުކުރު ދުވަހު އައްޑޫ ސިޓީގައި ބޭއްވި މުބާރާތުގައި ބައިވެރިވި ހަތް ޓީމުން ވާދަކޮށް، މަރަދޫ ބަނދަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މުބާރާތުގެ ވަނަތައް ލިބުނު ޓީމުތަކަށާއި މަސްވެރިންނަށް އިނާމު ހަވާލުކޮށްފައިވާ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނީ އެ ރަސްމިއްޔާތުގެ ޗީފް ގެސްޓެއްގެ ގޮތުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރުގެ އިތުރުން ސިޓީގެ އެހެނިހެން އިސްފަރާތްތަކުން ބައިވެރިވަޑައިގެންފައިވާ ކަމަށެވެ.

އައްޑޫ ސިޓީގައި ކުރިއަށްދިޔަ އުރީދޫ މަސްރޭސް 2023 ގެ ޗެމްޕިއަންޝިޕްކަން ހޯދާފައިވަނީ 220.9 ޕޮއިންޓާ އެކު ޓީމް "ފެހުރިހިން" ޓީމެވެ. އެ ކުންފުނިން ބުނެފައިވަނީ ފޯރި އާއެކު ކުރިއަށްދިޔަ މި މުބާރާތުގެ ރަނަރަޕްކަން 141.6 ޕޮއިންޓާ އެކު ޓީމް ހޮންޑެލިން ކާމިޔާބުކުރިއިރު، 131.9 ޕޮއިންޓާ އެކު ތިންވަނަ ކާމިޔާބުކޮށްފާވަނީ ބަރަކޫޑާ ޓީމުން ކަމަށެވެ.

މި މުބާރާތުގައި އެންމެ ބަރު މަހެއްގެ ގޮތުގައި ބާނާފައިވަނީ 5.5 ކިލޯގެ މަހެކެވެ. އެންމެ ބަރު މަސް ބޭނި ފަރާތުގެ މަގާމު ހޯދާފައިވަނީ ޗެމްޕިއަންކަން ހޯދި ފެހުރިހި ޓީމުގެ ނަޖާ އެވެ. އެންމެ ބަރު މަސް ބޭނި ފަރާތަށް މި އަހަރުގެ މަސްރޭހުގެ ގިފްޓް ޕާޓްނަރު ސީގިއަގެ ފަރާތުން ވަނީ އަގުހުރި ގިފްޓް ޕެކެއް ހަދިޔާކޮށްފައެވެ.

އެ ކުންފުނިން ބުނީ އުރީދޫ މަސްރޭހުގެ ތާރީހުގައި ކައްޓެޅި މަސް ބޭނި ފުރަތަމަ ފަހަރުކަން ފާހަގަކުރާ ކަމަށެވެ. ކައްޓެޅި މަސް ބާނާފައިވަނީ މުބާރާތުގެ ތިންވަނަ ކާމިޔާބުކުރި ބަރަކޫޑާ ޓީމުން ޖިނާހު އަދި ޝާނިޒް ކަމަށް އުރީދޫން ބުނެއެވެ.

މުބާރާތުގެ އެންމެ މޮޅު ކެޔޮޅުގެ މަގާމު ޓީމު ހެޕީ މާކެޓުން އިބްރާހިމް އަބްދުﷲ ކާމިޔާބުކޮށްފާވާއިރު، އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމު ކާމިޔާބުކޮށްފައިވަނީ ފެހުރިހި ޓީމުން އަޒްލިފާ އަޒީޒް އެވެ. އިބްރާހިމް އަބްދުﷲ ހަތް މަސް ބާނާފައިވާއިރު އަޒްލިފާ އަޒީޒް ހަތަރު މަސް ބާނާފަ އެވެ.

މި މުބާރާތުގެ އެންމެ ފަހު ސިޓީ، ފުވައްމުލައް ސިޓީގައި މަސްރޭސް ކުރިއަށް ދާނީ މި މަހުގެ 25 ވާ ހުކުރު ދުވަހު ކަމުގައެވެ. އުރީދޫ މޯލްޑިވްސް ޓީމުން އަދި މަސްރޭސްގެ ޕާޓްނަރުންގެ ފަރާތުން އައްޑޫ ސިޓީގައި ކުރިއަށް ދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް އަރިސްކުރެއެވެ. އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި އަހަރު މަސްރޭސް ވަނީ އިތުރަށް ކުލަގަދަކޮށް މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ފުޅާކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355