twitterviber whatsapp telegramfacebookyoutube instagram
28th April 2024

ހަނިމާދޫގެ ތައުލީމު ކުރިއެރުވުމަށް ކައުންސިލުން ބޮޑު ހޭދަކުރަނީ

ނަބީލާ އިސްމާޢީލް
Aug 22, 2023

ހދ ހަނިމާދޫގެ ތައުލީމަށް އެ ރަށު ކައުންސިލުން ބޮޑު ހޭދައެއް ކުރަން އެ ކައުންސިލުން ނިންމައިފި އެވެ. މިގޮތަށް ނިންމާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ އެ ކައުންސިލް އާއްމު ބައްދަލުވުމުގަ އެވެ.

ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު މުހައްމަދު ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހަނިމާދޫ ތައުލީމީ ދާއިރާއަށް އެހީވެ، ކުރިއާލާ ކުދިންގެ ނަތީޖާތައް ރަނގަޅުކޮށް ހަނިމާދޫގައި މަތީ ތައުލީމު އުފެއްދުމުގެ މަގުސަދުގައި މިހާރު ގުރޭޑް 10ގައި ކިޔަވަމުން އަންނަ ކުދިންނަށް ހުރިހާ މާއްދާއަކުން ސްޓަޑީ ކޭމްޕާއި މޯޓިވޭޝަން ސެޝަންތަކެއް ކުރިއަށްގެންދިއުމަށް ކައުންސިލުން ސްކޫލަށް އެހީވުމަށް ނިންމާފައިވާކަމަށެވެ.

އޭނާ ވިދާޅުވީ މާލޭ އިންނާއި ރާއްޖޭން ބޭރުންވެސް ރަނގަޅު ފެންވަރުގެ ޓީޗަރުން ގެނެސްގެން މިހާރު ގުރޭޑް 10ގައި ކިޔަވާ ދަރިވަރުންނަށް މި ކޭމްޕްތައް ހިންގުމަށް ސްކޫލުން ހުށަހަޅާފައިވާ ހުށަހެޅުމަށް 146648 ހަރަދުވާކަމަށާއި، އެ ހަރަދު ކައުންސިލުން ކުރާނެ ކަމަށެވެ. މި އަދަދުގެ ތެރެއިން މިއަރު ހަރަދުކުރަން ފާސްކުރެވިފައިވަނީ 100,000 ރުފިޔާ އެވެ. ބާކީ 46648 ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާގޮތަށް ނިންމާފަ އެވެ.

މި އަހަރު ޖުލައި މަހުވެސް އެ ކައުންސިލުން ވަނީ މަތީ ސާނަވީއަށް ކިޔަވަން ބޭނުންވާ ދަރިވަރުން މަދުވެ، މަތީ ސާނަވީއަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން އެ ރަށު ސްކޫލުން އޭލެވްއަށް ކިޔަވަން ބޭނުންވެ އެންމެ ފުރަތަމަ ފޯމް ހުށައަޅާ 15 ދަރިވަރުންނަށް، އެދަރިވަރުން ކިޔަވާ ނިމެންދެން 2000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ނިންމާފަ އެވެ.

އޭލެވެލް ފަށަން ބޭނުންވާ ވަރަށް ކުދިން ހަމަނުވުމުގެ ސަބަބުން އެ ސްކޫލްގައި މަތީ ސާނަވީގެ ކިޔެން ހުއްޓުނީ 2018 ވަނަ އަހަރަށްފަހުއެވެ.

ހަނިމާދޫ ކައުންސިލުން ބުނީ އެލަވަންސެއް ދޭން ނިންމުމުން ކައިރި ރަށްރަށުން ވެސް ކުދިން އަންނަން ހިތްވަރަކަށް ވާނެ ކަމަށާއި އުއްމީދު ކުރަނީ އޭލެވެލް ފަށަން ބޭނުންވާ ވަރަށް ކުދިން ހަމަވާނެ ކަމަށެވެ. 15 ކުދިން ލިބިއްޖެ ނަމަ އެލަވަންސްގެ ގޮތުގައި މަހެއްގެ މައްޗަށް 30،000 ރުފިޔާ ހަރަދުވާނެ ކަމަށް ހަނިމާދޫ ކައުންސިލުން އަންދާޒާ ކުރެއެވެ.

ހަނިމާދޫ ކައުންސިލް ފާހަގަކުރެވިފައިވަނީ ރަށުގެ ތައުލީމީ ދާއިރާއާއި އިޖްތިމާއި ކަންކަމުގައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދޭ ކައުންސިލެއްގެ ގޮތުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355