ޖެނުއަރީ މަހުން ފެށިގެން ސަރުކާރު ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރޭ އިއުލާން ކުރައްވައިފިއެވެ.
ބ ތުޅާދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދަައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ހަމަހަމަކުރުމަށް ކުރިއަށްގެންދާ ޕޭ ހަމަނައިޒޭޝަން ޕްރޮގްރާމްގެ ދަށުން އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި ގިނަ ދާއިރާތަކެއްގެ މުސާރަ ބޮޑުކުރަން ހިމަނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ސިފައިން، ފުލުހުން، އިމިގްރޭޝަން، ކަސްޓަމްސް، ކަރެކްޝަންސް އަދި އިމާމުންނާއި މުދިމުންގެ އިތުރު ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒަފުންނާއި ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުން ހިމެނޭ ގޮތަށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންގެ މުސާރަ ޖެނުއަރީން ފެށިގެން ބޮޑުކޮށްދޭނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒަކީ ދެން މި ފާސްކުރާ ބަޖެޓާ އެކީގައި އަންނަ ޖެނުއަރީ މަހުން ފެށިގެން މި ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުން. މިދެންނެވިހެން ސިފައިންނާއި ފުލުހުންނާއި ކަސްޓަމާއި އިމިގްރޭޝަން އާއި ކަރެކްޝަންސް އާއި ސިވިލްސާވިސްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނާއި ޖުޑީޝަރީ ދާއިރާގެ ހުރިހާ މުވައްޒަފުންނާއި ކައުންސިލްގައި މަސައްކަތް ކުރާ ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ރަނގަޅު ބޮޑު ބަދަލެއް މި އަންނަ ޖެނުއަރީ މަހުން ފެށިގެން އަންނަތަން ތިބޭފުޅުންނަށް ފެންނާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުސާރަތަކަށް އަންނަ ހެޔޮ ބަދަލާއެކު 44،208 މީހެއްގެ މުސާރަ ބޮޑުވާނެކަމަށެވެ. އަދި މުސާރަތަކަށް މިގެނެވޭ ބަދަލާ އެކު ބައެއް ދާއިރާތަކުގެ މުސާރަތައް ވަރަށް ބޮޑަށް ބޮޑުވެގެންދާނެ ކަމަށެވެ. އެވްރެޖުކޮށް 40 ޕަސަންޓުގެ ކުރިއެރުމެއް މުސާރަތަކަށް ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ. ބައެއް މަގާމުތަކަށް މިހާރު ލިބޭ މުސާރައާއި ބޮޑުކުރުމުން ލިބޭ މުސާރައިގެ ތަފާތުތައްވެސް ރައީސް ވަނީ ހިއްސާކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ މުސާރަތަކަށް ގެންނަ ބަދަލާ އެކު އާއިލާތަކަށް އުފާވެރި ދިރިއުޅުމެއް ލިބި، ފުދުންތެރި ބަޔަކަށް ހެދުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ދައުލަތަށް ލިބޭ އާމްދަނީ ވީހާވެސް ހަމަހަމަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ދައުލަތުން ކުރަންޖެހޭނެ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.
އުފާވެރި އަމާން ދިރިއުޅުމަކަށް ރައްޔިތުން ބޭނުންވާ ގިނަ ކަންތައްތަކެއް ހުންނާނެކަން ފާހަގަކުރައްވައިި ރައީސް ވިދާޅުވީ އެ ކަންކަމުގެ ގިނަ މަސައްކަތްތަކެއް މި ދައުރުގައި ފެށިފައިވާކަމަށެވެ.